Thursday, April 29, 2010

" ގޮވުން "


މުޙައްމަދު ސިރުޙާން

"ދިވެހިރާއްޖެ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި"، މިއީ އަމީން ދީދީގެ މިފޮތާބެހޭގޮތުން ލިޔުމަށްޓަކައި ލިޔާ ލިޔުމެއްނޫނެވެ. ތިޔަ ކިޔަމުންދަނީ މުޅީން އެހެން ވިލާގަނޑެއްގެ ވާހަކައެވެ. ކަންކަން ދިމާވުމުގެ ކުރީން ބައެއް ކަހަލަ ޢަލާމާތްތައް ފާޅުވެއެވެ. ޤިޔާމަތު ކުދި ބޮޑު ޢަލާމާތްތައް، ތިމާއަށް ބައްޔެއްޖެހެން އުޅޭކަމުގެ ޢަލާމާތް، ވެރިކަމެއް ވެއްޓެން އުޅޭ ކަމުގެ ޢަލާމާތް، މިހިރަ މިހިރަ ޢަލާމާތްތަކަކީ ޢަލާމާތްތައް ދިރާސާކުރައްވާ ބޭފުޅުން ވަރަށް ޝައުޤުވެރިވެލައްވާ ކަންކަމެވެ. ތިބާއަށް މިކަހަލަ ޢަލާމާތްތަކަށް އަޅާނުލެވި ނުވަތަ އަޅާލެވިފަވެސް ހުރެދާނެއެވެ. އެކަމަކު މަގަކުން ހިނގާފަ ނުވަތަ މަގު ބަންދުބޯޑު އަޅުވާފައި ހުރުމުން ނުވަތަ ކަނޑުގައި ދަތުރުކޮށްފައި ދާ އުޅަނދެއް ކަނޑުގައި ހަރުކޮށްފައިވާ ލައިޓުތަކަށް ނުބަލާ ދަތުރުކުރަން ވެއްޖެނަމަ ވާނެ ގޮތް .... އެފެނުނީ ޢަލާމާތެކެވެ. މައުޟޫގެ އެހެން ދިމާ އަކަށް ދެވޭކަމުގެ ޢަލާމާތެކެވެ. އަހަރެންނާއެކު މި މައުޟޫގެ ބާކީ ބަޔައިގެން ކުރިއަށް ދަމާ ހިނގާށެވެ. އަހަރެން ތިބާ ވާބައްދާލާކަށް ނެތީމެވެ. އިތުބާރު ނުކުރަންޏާ މިހާރުން މިހާރަށް ކިޔުން ހުއްޓާލާ ތިބާގެ ވަގުތު އެހެން ކޮންމެސް ހެޔޮކަމަކަށް ބޭނުންކުރާށެވެ. އެކަމަކު ބުނަން ހެއްޔެވެ. ޢަލާމާތްތަކަށް ވިސްނައްޗެވެ.

މިލިއުމުގެ ބޭނުމަކީ އަހަރެމެންގެ ބޯމަތިވެފައިވާ މި ވިލާގަނޑުން ގުގުރި ޖަހާ އަޑާއި ވިދާ މަންޒަރުތައް ފެންނާތީވެ، ދިވެހި ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ސުނާމީގެ އިންޒާރުތައް ދޭފަދައިން އިންޒާރުދީ އެކަމުން ސަލާމަތްވާން ދޭ އިންޒާރެކެވެ. ހޮނުއަޅާ ރަށްތައް ހަލާކުވެދާނެތީވެ ދޭ އިންޒާރެވެ. މިފަހަރު ދިވެހިންގެ ބޯމަތިވި ވިލާގަނޑުގެ ނަމަކަށް ރައީސް ނަޝީދު ދިންނަމަކީ އަނެއްފިކުރެވެ. އަނެއްފިކުރު މިވިލާގަނޑު ދިވެހިންގެ ބޯމަތި ކޮށްލި ހުޅަނގުންނެވެ. ދިވެހިންނޭ ހޭވެރިވާށެވެ. މަސްވެރިންވެސް ހޭވެރިވާށެވެ. ދަނޑުވެރިންނާއި ރާވެރިންވެސް ހޭވެރިވާށެވެ.
އަނެއްފިކުރުގެ ވިލާގަނޑު އެއީ ރޯދި ބަރަކާތައިގެން އައި ވިލާގަނޑެއް ނޫނެވެ. އަހަރެމެންނާ ބޯމަތިވި ބޮޑު އިމްތިޙާނެކެވެ. ތޫފާނެކެވެ. ކޮޅިގަނޑެކެވެ. މިކޮޅިގަނޑުން ވެސް ގަސްތައް ފަޅާނެއެވެ. އެކަމަކު އެއީ ވިހަގަދަ ގަސްތަކެކެވެ. ކުލަކުލައިގެ ވިހަގަދަ މޭވާތައް އެގަސްތަކުގައި އަޅައެވެ. އޭގެން މޭވާތައް ކައިގެން ގޮސް އިންޓަނެޓުގައި ސައިޓެއް ނުވަތަ ބްލޮގެއްހަދާ އިސްލާދީނަށް ފުރައްސާރަކުރަން ވީއެވެ. މަނާ ކުރާނެ ވެރިއެއް ނެތްތާގައި އެކަމަށް ސަޕޯޓުކުރާނެވެރީން އަހަރެމެން މިތިބީ ހޮވާފައެވެ. އެބައިމީހުންނަށް ފެންނަނީ ވެސް އެފަރާތެވެ. އަޑު އިވެނީވެސް އެފަރާތް ތަކުންނެވެ. އަދި ބުނަން ހެއްޔެވެ. ސަރުކާރުގައި ރަޖިސްޓްރީކޮންގެން ނުވަތަ ނުކޮށް ނަމަވެސް މިހާރުގެ ސަރުކާރުގެ އެންމެ ގުޅުން ބޮޑު އެއް އޮންލައިން ނޫހުން ދަނީ އަހަރެމެންގެ މާތްވެގެންވާ އިސްލާމްދީނަށް ފާޅުގައި މަލާމަތް ކުރުމުންނެވެ. ތަފާތު ގޮތްތަށެވެ. ރާއްޖޭގައި އިސްލާމްދީނާ ގުޅުންހުރި އެއްވެސް ޚަބަރެއް އެނޫހުގައި ނުޖަހާ ދޫކޮށްނުލައެވެ. ބޭނުމަކީ އެޚަބަރު ޖެހުމުން ލާދީނީ މީހުން ލައްވާ މަލާމަތް ކުރުމެވެ. މިގޮތުން އެމީހުން ކުރާކަމަކީ އިސްލާމްދީނަށް މަލާމަތްކޮށްފައި ހުންނަ ކޮމެންޓް އެޕްރޫވް ކުރުމެވެ. މިއީ ދިވެހިރާއްޖޭގެ ޤާނޫނު ހުއްދަކުރާކަމެއް ނޫނެވެ. އަނެއްފިކުރުގެ ޚިޔާލުތައް ހާމަކުރުމަށް ފަސޭހަކޮށްލީއެވެ. ދީނާ ދެކޮޅު އަނެއް ފިކުރުގެ ޚިޔާލުތައް މިހާރު ކޮމެންޓުގެ ގޮތުގައި ސަބްމިޓް ވެގެން ދަނީއެވެ. އަހަރެމެންގެ މާތް އިސްލާދީނުގެ ޙުކުމްތަކަށް މަލާމާތްކުރެވިފައިވާ ކޮމެންޓްތަކާއި އަހަރެމެންގެ ލޮބުވެތި ނަބިއްޔާއަށް މަލާމަތް ރައްދުވާފަދަ ކޮމެންޓްތައް މިހާ ފާޅުކަން ބޮޑު ގޮތެއްގައި ލިޔެވި ދިވެހި މީޑިއާއިން ފެންނަން ހުރަމަކީ ދިވެހިރާއްޖޭގެ މީޑިއާގައި އަނެއްފިކުރު އަތްގަދަކޮށްފައިވާކަމުގެ އަލިގަދަ ހެއްކެކެވެ. ދިވެހިން ވަނީ ބޭރުމީހުންގެ އަޅުވެތިކަން އެކިފަހަރުމަތިން ތަޖުރިބާ ކޮށްފައެވެ. ނަމަވެސް މިހާރު ދިވެހިން މި އަޅުވެތި ކުރަނީ މުޅިން އެހެން ގޮތަކަށެވެ. މީޑިއާގެ ތެރެއިން ލާފައެވެ. އެކި ކަރަކަރައާއި ވިލާތްތަކުން ނޫސްވެރިން އައިސް ދިވެހިންގެ ދާޚިލީ ޚަބަރުތައް ކަވަރުކުރަމުން ދަނީއެވެ. އަޅެފަހެ ދިވެހީންގެ ޖާނަލިސްޓުން ނެތީހެއްޔެވެ؟ ދިވެހި ނޫސްވެރިންނަށް މަލާމާތް ކުރަނީހެއްޔެވެ؟ ނޫނެކެވެ. މީ އަނެއް ފިކުރުގެ ޕްރޮޕެގެންޑާގެ ކަންތައްތަކެވެ.ދުނިޔޭގެ އިސްލާމީ ގައުމުތަށް ހަލާކުކޮށް ސުންނާފަތި ކުރަމުންދާ ބައިގަނޑެވެ. މުސްލިމުން ބައިބައި ކުރަމުން ދާ ބައިގަޑެވެ. އެކިއެކި ނަންނަމުގައި މިހާރު އެދަނީ މުސްލިމު ޤައުމުތަކުގެ އެތެރޭގައި ހަމަނުޖެހުން އުފައްދަމުންނެވެ. އިރާޤުގައި ބޮންތަށް ގޮއްވަމުންދަނީއެވެ. އަފްޣާނިސްތާނު ޕާކިސްތާނަށް ބަލާލަބަލާށެވެ. އަނެއްފިކުރުގެ މީހުން އަޑީގައިތިބެ މުސްލިމުން އެއްބަޔަކު އަނެއްބަޔަކާ ތަޅުވަނީއެވެ. ބޮންތައް ގޮއްވަނީއެވެ. މިވެރިން އަޑީގައިތިބެ ކުރާކަންކަމެވެ. ބޭނުމަކީ މުސްލިމުން ޢިލްމީ ގޮތުންނާއި އިޤްތިސާދީ ގޮތުން ކުރިއަރައިގެން ހިނގައިދާނެތީވެ މުސްލިމުން ހައިޖާނު ކުރުވުމެވެ. މުސްލިމުޤައުމުތައް މިގޮތަށް ހަލާކުކޮށްލުމަށްފަހު ދެން މިބުނަނީ މުސްލިމުން އުޅެނީ ނިކަމެތި ހާލުގައެވެ. މުސްލިމުން ކުރިނާރައެވެ. ހައިރާންވާންޖެހޭކަމަކީ މިވެރީންގެ މަޅީގައި އަހަރެމެން ޖެހި އެވެރިންގެ ކޮށިތަކުގައި ބަންދުވާތީއެވެ. ސަމާލުވެ ސަލާމަތްކަން ހޯދާށެވެ. "ސްއުނިންވަނިމި" މިލަފްޒު އަޑު ނީއްވާ މަޑުމަޑުން ތިބާގެ ހިތުން ކިޔާލާށެވެ. ޖެހިގެން އިންމީހާއަށް އަޑުއިވިދާނެއެވެ. އަހަރެން މިކަހަލަ ސައިޓުތައް މަޝްހޫރުވާކަށް ބޭނުމެއްނޫނެވެ. ކިޔާލުމަށް ފަހު އެސައިޓަށް ވަނުމުން އަހަރެން މިދައްކާ ވާހަކައިގެ ތެދުކަން ތިބާއަށް ފެންނާނެއެވެ. އަނެއްފިކުރުގެ މީހުން އޮބިނޯވެ އިސްލާމް ދީނަށް ފުރައްސާރަ ކުރަމުންދަނީއެވެ. އޯކޭ ފުލުސްޓޮޕަކީވެސް ޢަލާމާތެކެވެ، އާފެށުމަކީވެސް ޢަލާމާތެކެވެ. އެއީ އެހެން ކަމެއްގެ ޢަލާމާތެވެ.
ދެން އިސްލާމްދީނަށް މަލާމާތް ކުރަން އެންމެ ފަސޭހަ އަނެއްގޮތަކީ ހައެއްކަ ލައްކަ ރުފިޔާ އިންވެސްޓް ކޮށްލައިގެން މަޖިލިސްގެ ގޮނޑިއެއް ހޯދުމެވެ. އަހަރެއް ނުވަނީސް އިންވެސްޓްމެންޓް ކަވަރު ވާނެއެވެ. ދެން އެތަނަށް ވަދެ އިސްލާމް ދީނަށް މަލާމަތްކޮށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް މަލާމަތް ކުރިއަސް އެއްވެސް މައްސަލައެއް ނުޖެއްސެއެވެ. މީ ފާޅުކަންބޮޑުކޮށް އަނެއްފިކުރު ފަތުރާގޮތްތަކެވެ. ނަމަވެސް މަޖިލިހަށް ވަދެއިނަސް ނުވަތަ ކޮމެންޓްތައް ސަބްމިޓްކުރަން އިނަސް ޤަލަމެއް ނުއުފުލެވޭނެކަން ތިބާއަށް އެނގުނަސް މަޖިލިހުގައި ތިބި މީހުންނަށް އެނގޭހެނެއް ހިއެއްނުވެއެވެ. ތިމާގެ ޢަމަލުތައް ރެކޯޑު ކުރެވޭނެކަމަށް ތިބާ އަޅުގަނޑާ އެއްބަސްވިއަސް ދެބަސްވާނެ މީހުން އަނެއް ފިކުރުގައި އުޅެއެވެ.
ދިވެހި ރައްޔިތުންނޭވެ! އަނެއް ފިކުރުގެ ހަނގުރާމަ މިއޮތީ ބޯމަތިވެފައެވެ. ތިބާއަށް މިހާރު ތިޔަ އުޅެވެނީ އެހަނގުރާމާގައި ކަން އެނގޭ ހެއްޔެވެ؟ ތިބާ އަދި ޒަހަމެއް ނުވޭތޯއެވެ. ނުވަތަ ތިބާގެ ދަރިއަކު ޒަހަމް ނުވޭތޯއެވެ؟ އެވެރިން މިހެން ދޫކޮށްފިނަމަ މާދަމާ ދިވެހި ޤައުމުގެ މުސްތަޤްބަލު އޮންނާނެ ގޮތް ތަސައްވަރުކޮށްލަން އަހަރެން ދޫކޮށްލާނީ ތިބާއަށެވެ؟ އަތް އުރާލައިގެން ތިބެވޭކަށް ނެތެވެ. މާދަމާއަށްޓަކައެވެ. އަހަރެމެންގެ ދަރީންނަށްޓަކައެވެ. ތިބާއަށްވެސް އަނެއް ފިކުރާ ދެކޮޅަށް ކޮންމެވެސް ކަމެއް ކުރެވޭނެއެވެ. އަނެއްފިކުރު ދިވެހި ޤައުމުން ބޭރުކުރަމާ ހިނގާށެވެ. ނޫނީ ޤައުމު ހަފުސް ވާއިރު ތިބާވެސް ހަފުސް ވެދާނެއެވެ.

4 comments:

  1. ސިރޫ ބުނެބަލަ. އަނެއް ފިކުރުގެ ކަންތައްތައް ހުއްޓުވަން އަހަރެމެންނަށް ފަރުދީ ގޮތުން ކުރެވިދާނެ ކަންތައްތަކަކީ ކޮބައިކަން.
    އިސްލާމް ދީނާއި ދެކޮޅަށް ސައިޓްތަކަށް މީހުން ފޮނުވާ ކޮމެންޓްތައް ސިރޫގެ ބްލޮގް ގައި ގެނެސްދިނުމުގެ ބޭނުމަކީ ކޮބާ؟ މިލިންކް ތައް ސިރޫގެ ބްލޮގަށް ލާފައި ބެހެއްޓުމުގެ ބޭނުމަކީ ކޮބާ؟

    ReplyDelete
  2. ފަރުދީގޮތުން ކުރެވިދާނެކަމެއް ތިކުރެއްވެވީ

    ReplyDelete
  3. thedheh siroo thibuny...

    ReplyDelete
  4. ސިރޫ މެން ރޭޑިއޯ އެޓޯލް މެދުވެރިކޮށް ގެނެސްދޭ "އަނެއް ފިކުރު" ޕްރޮގްރާމް ވަރަށް އިންޓަރެސްޓިންގ. ވަރަށް ސަޅި. ! އޭ، އެޕްރޮގްރާމަށް އެނަން ދިނުމުގެ ސިއްރަކީ ކޮބާ؟ އެޕްރޮގްރާމްގެ ސަބަބުން ލާދީނީ ފިކުރުގެ މީހުންގެ މަސައްކަތްތަކާއި ބެހޭ މަޢުލޫމާތު ލިބި އެބައިމީހުންނަށް ވިސްނާ ދިނުމަށް ބާރު ލިބިދޭ.
    ވަރަށް ރަނގަޅު އެދެވޭ އަސަރު މުޖުތަމަޢަށް ކުރާނެ ޕްރާގްރާމެއް މިއީ އިންޝާﷲ.

    ސިޜޫ މެން ޓީމްގެ އެންމެންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ﷲ ތިމަސައްކަތްތަކުގައި ބަރަކާތް ލައްވާށި! އާމީން!

    ReplyDelete