މި ކަހަލަ ސުވާލުތައް ހިތަށް ވަންނަން ފެށީމާ

( SiruArt.blogspot.com )
ޢަބްދު ނަޢީމު އިބްރާހީމް

ދީނުގެ ކޮންމެ ޙުކުމަކީ ނުވަތަ ކޮންމެ އަމުރަކީ
ބުއްދި ޤަބޫލު ކުރާ ޙުކުމަކަށް ނުވަތަ އަމުރަކަށް ވާން ޖެހޭނެތަ؟
ކޮންމެ ކަމަށް ވެސް އެކަށީގެންވާ ސަބަބެއް އޮންނަން ވާނެ ކަމަށް އަޅުގަނޑުމެން ޤަބޫލު ކުރަމު އެވެ. އެހެންވީމާ މީހަކު އެއްޗެކޭ ބުނެލުމާ އެކު ކީއްވެގެން ހެއްޔޭ އަހައިލެވެ އެވެ. މިއީ ނުބައި ކަމެއް ބާވަ އެވެ؟ އަޅުގަނޑުގެ ހިތަށް މި ސުވާލު ވަނީމާ އުނދަގޫ ވާ ކަހަލަ ގޮތެއް ވެ އެވެ. އަބަދުވެސް ހިތަށް އަރަ އެވެ. ސުވާލެއް ނުކޮށް ޤަބޫލު ކުރަން ޖެހޭ ކަހަލަ ކަންތައްތަކެއް ނުހުރޭ ބާވަ އެވެ؟ ކޮންމެ ކަމެއް އަޅުގަނޑުގެ ސިކުނޑި އެންމެ ފުރިހަމަ އަށް ޤަބޫލު ކުރާ ކަހަލަ ކަމަކަށް ވާން ޖެހޭނެ ހެއްޔެވެ؟

މި ކަހަލަ ސުވާލުތައް ހިތަށް ވަންނަން ފެށީމާ ބައެއް ކަހަލަ ކަންތައްތައް ކުރެވޭ ގޮތާ މެދު ވިސްނައިލެވޭ ގޮތް ވެ އެވެ. މިސާލަކަށް އަޅުގަނޑުގެ ހިތަށް ވަރަށް ގިނައިން އަރާ ވާހަކައެއް ދަންނަވައިލާނަމެވެ. ނަމާދު ކުރުމުގެ ކުރިން ވުޟޫ ކުރަން ޖެހޭ ކަމަށް ނުވަތަ ވުޟޫ ނުކޮށް ނަމާދު ކޮށްގެން ނުވާނެ ކަމަށް އަޅުގަނޑުމެން މި ތިބެނީ ޤަބޫލު ކޮށްގެންނެވެ. ވުޟޫ ގެއްލިއްޖެއްޔާ ވުޟޫ ކޮށްގެން ނޫން ގޮތަކަށް އެކަކު ވެސް ނަމާދެއް ނުކުރާނެ އެވެ. މި ކަމާ ދެކޮޅު ހަދާ އެކަކު ވެސް ހަމަ ގައިމު ވެސް އަޅުގަނޑެއް ނުދަންނަމެވެ. މުސްލިމުންގެ ތެރޭގައި ދެކޮޅު ހަދާ މީހަކު ހުރެދާނޭ ކަމަށް ޤަބޫލު ކުރުމަކީ އުނދަގޫ ކަމެކެވެ. ނަމާދު ކިތަންމެ މަދުން ކުރިޔަސް ވުޟޫގެ ގުނަވަން ތަކަކީ ކޮބައިކަން ނުދަންނަ މީހަކު ވެސް ހުންނާނޭ ހެންނެއް ހިއެއް ނުވެ އެވެ. ވުޟޫ ގެއްލޭ ކަންތައްތައް ވެސް އެންމެންނަށް އެނގެ އެވެ. ފުރަގަސް ފަރާތުން ވައި ބޭރު ވުމަކީ ވުޟޫ ގެއްލޭ ކަމެކެވެ. އެކަމަކު ވުޟޫގެ ގުނަވަން ތަކުގެ ތެރެއަކު ފުރަގަސް ފަރާތެއް ނުހިމެނެ އެވެ. މިއީ ވެސް އެންމެން ދަންނަ ކަމެކެވެ.

މި ދެންނެވުނު ވާހަކަ އިން އަޅުގަނޑު ފާހަގަ ކޮށްލަން ބޭނުން ވަނީ ވަރަށް ކުޑަ ކުޑަ ކަމެކެވެ. ވުޟޫ ކުރާ އިރު ފުރަގަސް ފަރާތުގައި ފެން ނުޖައްސަނީ ކިހިނެއް ވެގެންތޯ އަޅުގަނޑުމެން ސުވާލެއް ނުކުރަމު އެވެ. އެއީ ކީއްވެގެންތޯއެވެ؟ ވިސްނައިލީމާ އަޅުގަނޑަށް ވިސްނެނީ ހަމަ އެންމެ ސަބަބެކެވެ. ވުޟޫ ކުރާ އިރު ހަރުވާޅު ބާލައިގެން ފުރަގަސް ފަރާތުގައި ފެން ޖައްސަން ޖެހިއްޖެ ނަމަ އުނދަގޫ ވާނެތީ ސުވާލު ނުކުރަނީ އެވެ. އެހެން ނޫން ނަމަ މިއީ ބުއްދި ޤަބޫލު ނުކުރާ ކަންތައްތަކުގެ ތެރެއަށް ވައްދަން އެންމެ ރަނގަޅު ކަމެކެވެ. މި ކަމުގައި ދެކޮޅު ހަދަން ވާހަކަ ދެއްކޭނޭ ދެ ގޮތެއް އެބަ އޮތެވެ. އެއް ގޮތަކީ ވުޟޫ ކުރާ އިރު ފުރަގަސް ފަރާތުގައި ފެން ޖައްސަން ޖެހޭނެއޭ ކިޔައިގެން ވާހަކަ ދެއްކުމެވެ. ދެވަނަ ގޮތަކީ ފުރަގަސް ފަރާތުން ވައި ބޭރު ވިޔަސް ވުޟޫ ގެއްލިގެން ނުވާނެ ކަމަށް ވާހަކަ ދެއްކުމެވެ. އެކަމަކު މި ދެ ގޮތުން ކުރެ ގޮތަކަށް އަޅުގަނޑުމެން ވާހަކައެއް ނުދައްކަމު އެވެ.

އަޅުގަނޑުގެ ހިތަށް އެރި އެވެ. ބުއްދި ޤަބޫލު ކުރާ ވާހަކަ އާއި ނުކުރާ ވާހަކަ އަޅުގަނޑުމެން ކަނޑައަޅަނީ އެ ކަމެއްގެ ބާވަތަށް ބަލާފައެއް ނޫނެވެ. އަޅުގަނޑުމެންނަށް ބައެއް ފަހަރު ބެލިފައި އޮންނަނީ އަޅުގަނޑުމެންގެ ފަސޭހަ އަށާއި އުނދަގުލަށެވެ. ބައެއް ފަހަރު ބެލެނީ އަޅުގަނޑުމެން ގަސްތުގައި ޤަބޫލު ކުރަން ބޭނުންވާ ކަންކަމަށެވެ. މީގެ މިސާލެއް ވެސް ދަންނަވައިލާނަމެވެ.

ރައީސުލްޖުމްހޫރިއްޔާ އަކަށް ނުވަތަ ޤައުމެއްގެ ވެރިއަކަށް ހުންނަ މީހަކު ވައްޓާލަން އުޅެން ޖެހޭ ގޮތާ ބެހޭ ގޮތުން އެއް ދުވަހަކު އަޅުގަނޑާއި، އަޅުގަނޑުގެ ރައްޓެއްސަކާ ދެމެދު ވާހަކަ އެއް ދެކެވުނެވެ.
އަޅުގަނޑު ބުނީމެވެ.
"ވެރިއަކަށް ހުންނަ މީހަކު ކަލެއަށް ކަމު ނުދާ ގޮތަކަށް ވެރިކަން ކުރާ ނަމަ އެ އަޮންނަ ހަމައެއްގެ މަތީން ވެރިކަމާ ނުވަތަ ވެރިމީހާ އާ ދެކޮޅު ހަދައި ކަލެއަށް ފެންނަ ރަނގަޅު ގޮތް ބުނެ ހެދުމަކީ ކަލޭގެ އަސާސީ ޙައްޤެކެވެ. އެ ޙައްޤުގެ ބޭނުން ކުރުމުގެ ސަބަބުން ކަލެއަށް އަދަބެއް ލިބިއްޖެ ނަމަ އެ އަދަބެއް ވާނީ އަނިޔާ އަކަށެވެ. އެކަމަކު ވެރިއަކަށް ހުންނަ މީހަކު ވެރިކަމުން ވައްޓާލަން އުޅުމުގެ އިޚްތިޔާރު ކަލެއަށް ލިބޭނީ އެ ވެރިއަކު ކުފުރު ވީމަ އެވެ. ނުވަތަ ރައްޔިތުންނަށް ކުފުރު ވާން އެންގީމަ އެވެ. ނުވަތަ އެނގި ސާބިތު ވެފައިވާ ޙުކުމަކާ ކަނޑައެޅިގެން ދެކޮޅު ހެދީމަ އެވެ. މިއީ އިސްލާމް ދީނުގައި އޮންނަ ގޮތެވެ. މި ނޫން ސަބަބަކާ ހުރެ ވެރިއަކަށް ހުންނަ މީހަކު ވެރިކަމުން ވައްޓައިލާން އުޅުމަކީ ހަރާން ކަމެކެވެ."

އަޅުގަނޑުގެ ރަޙްމަތްތެރިޔާ އަކަށް އަޅުގަނޑު ދެއްކި ވާހަކަ ޤަބޫލު ކުރެވޭ ގޮތެއް ނުވި އެވެ. އޭނާ ބުންޏެވެ.

"ތިޔައީ ބުއްދި ޤަބޫލު ކުރާ ވާހަކައެއް ނޫނެވެ. އިސްލާމް ދީނަކު ތިޔަ ކަހަލަ އަމުރެއް ކޮށްފައެއް ނޯންނާނެ އެވެ."
އޭނާ ގެ ޚިޔާލު ހުރީ ވަކި ގޮތަކަށް އެނބުރިފަ އެވެ. އެހެންވީމާ ބުއްދި ޤަބޫލު ކުރާ ކަންތައްތަކާއި ޤަބޫލު ނުކުރާ ކަންތައްތައް އޭނާ ކަނޑައަޅަނީ އޭނާ ބޭނުންވާ ގޮތަކަށް ރިޢާޔަތް ކޮށްގެންނެވެ. ކޮންމެހެން އެ ކަމެއް އޮންނަ ރަނގަޅު ގޮތެއް ބަލައިގެންނެއް ނޫނެވެ. އެހެންވީމާ އޭނާ އަށް ރަނގަޅު ގޮތް ކަމު ނުދާ ގޮތް ވަނީ އެވެ. ކަމުނުދާ ވާހަކަ ބުނަން ބޭނުން ކުރަނީ އަޅުގަނޑުމެން ޢާއްމުކޮށް ބޭނުން ކުރާ ބަހަނާ އެވެ. އާދެ، ބުއްދި ޤަބޫލު ނުކުރަނީ އެވެ.

ބުއްދި ޤަބޫލު ނުކުރާ ޙަޤީޤީ ސަބަބަކީ ކޮބައިތޯއެވެ؟ އަޅުގަނޑަށް ވިސްނޭ ގޮތުގައި އެ ސަބަބަކީ އީމާންކަން ކުޑަ ވުމެވެ. ކީރިތި ރަސޫލާ ގެ އިސްރާ އާއި މިޢުރާޖަކީ އާދައިގެ އިންސާނެއްގެ ބުއްދިއަށް ޤަބޫލު ކުރެވޭ ކަހަލަ ކަމެއް ނޫނެވެ. މައްކާ ގައި ހުންނަވާފައި ފަލަސްޠީނަށް ވަޑައިގެންފައި އަދި މީގެ އިތުރަށް އުޑު ތަކަށް އަރައި ވަޑައިގަތުމަށް ފަހު އެނބުރި މައްކާ އަށް ވަޑައިގެންނެވި އިރު އަދި ދާންމަތިކޮޅުގެ ހޫނުކަން ކެނޑިގެންނެއް ނުދެ އެވެ. ހުރިހައި ކަމެއް ހިނގައި ނިމުނީ އެސްފިޔަ ޖަހާލާހައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގަ އެވެ. ކީރިތި ރަސޫލާ އިސްރާ އާއި މިޢުރާޖުގެ ވާހަކަފުޅު ފުރަތަމަ ދެއްކެވި މަޖިލީހަކު އަބޫބަކުރުގެފާނު ވަޑައިގެންނެއް ނޫޅުއްވަ އެވެ. ކޮންމެވެސް މީހަކު ގޮސް އަބޫބަކުރުގެފާނަށް މި ވާހަކަ ދަންނަވާފައި ދެންނެވި އެވެ.

"މިހިރީ ކަލޭގެފާނުގެ އެކުވެރިޔާ ދައްކަވާ ބުއްދި ގޯސް ވާހަކަފުޅެވެ. މިއީ ސިކުނޑި ސަލާމަތުން ހުރި މީހަކު ޤަބޫލު ކުރާ ޒާތުގެ ވާހަކަފުޅެއް ތޯއެވެ؟"

އަބޫބަކުރުގެފާނު ސުވާލު ކުރެއްވި އެވެ.

"އެ ކަލޭގެފާނު ހަމަ ތިޔަހެން އެބަ ވިދާޅުވޭތޯ އެވެ؟"
އެ މީހަކު ދެންނެވި އެވެ.
"އާދޭހެވެ. އެބަ ވިދާޅުވެ އެވެ."
އަބޫބަކުރުގެފާނު ވިދާޅުވި އެވެ.
"އެ ކަލޭގެފާނު ތިޔަހެން ވިދާޅުވާ ކަމަށް ވަންޏާ އެއީ ތެދުފުޅެކެވެ."

މިއީ ބުއްދި ޤަބޫލު ނުކުރާ ކަމެއް، ތެދެއް ކަމަށް މީހަކު ޤަބޫލު ކުރި ގޮތުގެ ރީތި މިސާލެކެވެ. ސަބަބަކީ އީމާން ކަމެވެ. ކީރިތި ރަސޫލާ އިތުރުފުޅެއް ނުހައްދަވާނެ ކަމަށް އަބޫބަކުރުގެފާނު ޤަބޫލުފުޅު ކުރައްވަ އެވެ. އެހެންވީމާ އިސްރާ އާއި މިޢުރާޖުގެ ވާހަކަ ޤަބޫލުފުޅު ކުރެއްވީ އެވެ. މި ކަހަލަ އީމާންކަމެއް ހިތުގައި އުފެދިއްޖެ ނަމަ އެއްކަލަ ބުއްދި ޤަބޫލު ނުކުރުމުގެ ވާހަކަ މުޅީން ހުއްޓިދާނެ އެވެ.

އިސްލާމް ދީނަށް ބަލާ އިރު އަޅުގަނޑަށް ޤަބޫލު ކުރެވޭ ކަމެއްގެ ވާހަކަ ދަންނަވައިލާނަމެވެ. ޙައްޤު ވެގެން އަޅުކަން ވެވޭ އިލާހަކީ ކީރިތި ﷲ ކަމަށާއި، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަކީ އެންމެ ފަހުގެ ނަބިއްޔާ ކަމަށް ޤަބޫލު ކޮށް، ޝަހާދަތުގެ ދެ ކަލިމަ ކިޔައި އީމާން ވީމާ އެ ކުރެވެނީ ވަރަށް ބޮޑު ކަމެކެވެ. އޭގެ ފަހުން ވިސްނުމާއި ޢަމަލު ތައް ހުންނަ ގޮތް ޖެހެނީ ބަދަލު ވާށެވެ. ﷲ ގެ އަމުރުފުޅަށާއި ކީރިތި ރަސޫލާގެ އަމުރުފުޅު ތަކަށް ކިޔަމަން ވާން ޖެހެނީ ބުއްދި ޤަބޫލު ކުރާތީއެއް ނޫނެވެ. ދުވާލުގެ ބާރަ ގަޑި އިރު އެއްޗެއް ނުކައި، ނުބޮއި ހުރީމާ ހަށިގަނޑަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. މައްކާ އަށް ޙައްޖަށް ދަނީ އަތުން އެތައް ޚަރަދެއް ކޮށްފަ އެވެ. އެ ތަނަށް ގޮސް މީހުންގެ ތެރޭގައި ފިތިގެން ވަރަށް ދަތިކޮށް އުޅެން ޖެހެ އެވެ. މިއިން އެއްވެސް ކަމެއް މުސްލިމަކު ކުރަނީ ނުވަތަ ކުރަން ޖެހެނީ ބުއްދި ޤަބޫލު ކުރާތީއެއް ނޫނެވެ. ﷲ އާއި ކީރިތި ރަސޫލާ އަށް ކިޔަމަން ވުމުގެ ގޮތުން ކުރަނީ އެވެ.

މުސްލިމަކަށް ވުމަކީ އެއްވެސް މީހަކަށް މަޖުބޫރު ކަމެއް ނޫނެވެ. އިސްލާމް ދީނަކު އެއްވެސް ކަހަލަ މަޖުބޫރު ކަމެއް ނެތެވެ. އެކަމަކު އިސްލާމް ދީނަށް ވަނުމަށް ފަހު ޢަމަލުތައް ބަހައްޓަން ޖެހެނީ އިސްލާމީ ޤާނޫނުތަކާއި އުސޫލުތަކާ އެއް ގޮތަށެވެ. މިއީ ދީނީ ވާހަކައެއް ނޫނެވެ. ދުނިޔަވީ ކަންތައްތަކަށް ބަލާ އިރު ވެސް ކަންތައްތައް އޮންނަ ގޮތަކީ މިއީ އެވެ. މިސާލަކަށް ދިވެހިރާއްޖޭގައި އެއްގަމުގައި ދުއްވާ އެއްޗެހި ދުއްވަން އޮންނަނީ މަގުގެ ވައަތް ފަރާތުންނެވެ. އެކަމަކު ޕާކިސްތާނުގައި ދުއްވަން އޮންނަނީ ކަނާތް ފަރާތުންނެވެ. ޕާކިސްތާނު މީހަކު ރާއްޖެ އައިސް ކަނާތް ފަރާތުން ކާރު ނުވަތަ މޮޓަރު ސައިކަލު ދުއްވަން ފަށައިފިއްޔާ ވާނީ ކިހިނެއްތޯއެވެ؟ ދިވެހިރާއްޖޭގެ އެއްގަމު ދުއްވާ އެއްޗެހީގެ ޤަވާޢިދު ނުވަތަ ޤާނޫނުގެ ދަށުން އެ މީހަކު ކުށްވެރި ނުވެ ދާނެތޯއެވެ؟

އިސްލާމް ދީނަށް ބަލާ އިރުވެސް އޮންނަ ގޮތަކީ މިއީ އެވެ. އެހެންވީމާ ދީނީ ކަންތައްތަކުގައި ބުއްދި ޤަބޫލު ކުރުމާއި ނުކުރުމުގެ ވާހަކަ ދެއްކުމަކީ ހަމަ ޖެހޭ ކަމެއް ކަމަކަށް އަޅުގަނޑަކަށް ނުފެނެ އެވެ. އިނގިރޭސި ލިޔުންތެރިއަކު ވިދާޅު ވެފައި ވެ އެވެ. "އެއްވެސް މީހަކު ދެބައިކުޅަ އެއްބަޔަށް ނުކެރި އިނުމަކީ ވާނޭ ކަމެއް ނޫނެވެ." މުސްލިމަކަށް ވުމަކީ ވެސް މި ކަހަލަ ކަމެކެވެ. ދެބައިކުޅަ އެއް ބަޔަށް މުސްލިމަކަށް ވުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ. ﷲ އާއި އެ ކަލާނގެ ރަސޫލާ އަށް އީމާން ވަމޭ ބުނާ ނަމަ ﷲ ގެ ޙުކުމްފުޅު ތަކަށާއި ކީރިތި ރަސޫލާ ގެ އެންގެވުން ތަކަށް ފުރިހަމަ އަށް ބޯ ލަނބަން ވާނެ އެވެ. ބައެއް ކަންތައްތައް "ބުއްދި ޤަބޫލު ނުކުރާތީ" ދޫކޮށްލާފައި ބައެއް ކަންތައްތަކުގައި ހިފަހައްޓައިގެން އުޅުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. އެއީ އިސްލާމް ދީން ހުއްދަ ކުރާ ކަމެއްވެސް ނޫނެވެ. ސަބަބަށް ބަލާ އިރު އިސްލާމް ދީނުގެ ކޮންމެ ޙުކުމެއް އޮންނަނީ އިންސާނުންގެ ބުއްދި އަށް ޤަބޫލު ކުރެވޭ ގޮތަކަށް ކަމަށް އިސްލާމް ދީން ދަޢުވާއެއް ވެސް ނުކުރެ އެވެ. މިސާލަކަށް ރަމަޟާން މަހު ރޯދަ ހިފަން ޖެހޭ ސަބަބެއް ކަމަށް ކީރިތި ޤުރްއާނުގައި އަންގަވައިފައި ވަނީ "ތިޔަ ބައި މީހުން ތަޤްވާވެރި ވުމަށް ޓަކައެވެ." މި ފަދައިންނެވެ. ޙަޤީޤަތުގައި އިސްލާމީ ޙުކުމް ތަކަށް ބޯ ލެނބުމަކީ ކިޔަމަންތެރިކަން އަދާ ކުރުމުގެ ގޮތުން ކުރަން ޖެހޭ ކަމެކެވެ. ނަމާދަކީ ކޮންމެ ދުވަހަކު ފަސް ފަހަރު ކުރެވޭ ކަސްރަތެއް ކަމަށް ބަލައިގެން ނަމާދު ކުރާ ނަމަ ނަމާދުގެ ރޫޙު ގެއްލުނީ އެވެ. ނަމާދު ގައި ކުރާ ޙަރަކާތްތަކުގެ ސަބަބުން ލިބޭ ޖިސްމާނީ ފައިދާ ތަކެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ނަމަވެސް ނަމާދުގެ މަޤްޞަދަކީ ޖިސްމާނީ ފައިދާ ތަކެއް ލިބިގަތުމެއް ނޫނެވެ. އެއީ ﷲ ގެ އަމުރުފުޅަކަށް ކިޔަމަން ވުމުގެ ގޮތުން ކުރާ އަޅުކަމެކެވެ.

ޢާއްމު ގޮތެއްގައި ކަންތައްތައް ހިނގާ ގޮތަށް ބަލާ އިރު އަޅުގަނޑުމެންނަށް ބުއްދި ޤަބޫލު ކުރުމާއި ނުކުރުމުގެ ވާހަކަ ދެކެވިފައި އޮންނަނީ ޤަބޫލު ކުރަން ބޭނުން ނުވާ ވާހަކަ ތަކާ މެދުގަ އެވެ. އެހެން ނޫން ނަމަ އަޅުގަނޑުމެން މި ތިބެނީ ބުއްދި ޤަބޫލު ނުކުރާ ކަހަލަ ކަންތައްތައް ކުރުން މަތީގަ އެވެ. ރެއަކާއި ދުވާލެއްގެ ތެރޭގައި އެތައް ފަހަރަކު އެ ކަހަލަ ކަންތައްތައް އަޅުގަނޑުމެން ކުރަމު އެވެ. އެއްވެސް ސުވާލަކާ ނުލަ އެވެ. ދީނީ ކަންތައްތަކަށް ބަލާ އިރު ބުއްދިއަށް ޤަބޫލު ކުރެވެން ޖެހޭ ކަންތައްތަކުގައި އެއްވެސް ޝައްކެއް ނުއުފެދޭ ވަރަށް ހެކި ފެންނާން އެބަ ހުއްޓެވެ. މިސާލަކަށް ﷲ ގެ ކުޅަދުންވަންތަ ކަމާއި އެއްކައުވަންތަ ކަމުގެ ހެކިތައް ހުރިހައި ދިމާ އަކުން ވަރަށް ފާޅުކަން ބޮޑު ގޮތަކަށް މިހިރަގެން ފެންނަނީ އެވެ. ކީރިތި ޤުރްއާނުގެ ޞައްޙަ ކަމާއި ކީރިތި ރަސޫލާގެ ތެދުވެރި ކަމުގެ ހެކިތައް ވެސް ސިކުނޑިއަށް އެއްވެސް ކަހަލަ އޮޅުމެއް ނާރާ ވަރަށް ފެންނާން އެބަ ހުއްޓެވެ. ދެން އޮތީ "ފޮތާއި ގޮތު" ގައި އަންގަވާފައިވާ އުސޫލުތަކުގައި ހިފެހެއްޓުމެވެ. އެ ކަމަކީ ހުރިހައި ސަބަބަކާއި ޙިކުމަތެއް ބުއްދިއަށް ޤަބޫލު ކުރެވިގެން ކުރަން ޖެހޭ ކަމެއް ނޫނެވެ. އެއީ އެ ގޮތް އެންގެވި ފަރާތާއި ގެނެސް ދެއްވި ފަރާތުގެ ޞައްޙަކަން ބުއްދި އަށް ޤަބޫލު ކުރެވުނީމާ ކުރަން ޖެހޭ ކަމެކެވެ. އަބޫބަކުރުގެފާނު ކަންތައް ކުރެއްވި ގޮތަކީ އެއީ އެވެ.( ފަންވަތް )


Comments

  1. ރާއްޖެއަށް މިފަދަ ލިޔުންތަކުގެ ބޭނުންތެރިކަން އިންތިހާއަށް ބޮޑުވެފައިވާކަމަށް ދެކެމެވެ. ކޮންމެއަކަސް ނަޢީމުގެ މިފަދަ ލިޔުންތަކުން މި ލޮބުވެތި އިސްލާމީ ދީބަށް ފައިދާކުރުމަކީ އަޅުގަޑުގެ އިޚްލާޞްތެރި އެދުމެވެ. ނަޢީމަކީ އަޅުގަޑު ދަންނަ ބޭފުޅަކަށް ވުމުން ލިޔުން ކިޔަންފެށިއިރުވެސް ލިޔުމަކީ އޮށްޓަރުހުރި ރަގަޅު ލިޔުމަކަށްވާނެކަމަށް އުއްމީދުކުރީމެވެ. ލިޔުން ކިޔާ ނިމުމުން އެކަން ޔަގީންކުރެވުނެވެ. އަޅުގަޑުގެ ނަސޭހަތަކީ ނަރަކައިގެ ވާހަކަ ދެކެވުމުން ޖޯކުޖެއްސެވުމުގެ ބަދަލުގައި އެކަން ކުރައްވާ ބޭފުޅުން ތިމާއަށް ނަރަކައަކީ ވާތަނެއްކަމުގެ ޔަގީންކަން އެތަނަށް ވަންނަންޖެހުމުގެ ކުރިން ލިބިގަތުމެވެ.އެހެންނޫނިއްޔާ ޔަގީންވާނީ ވަގުތު ފާއިތުވާފަހުންނެވެ. ދުނިޔެ ދޫކޮށް ދާންޖެހުމުގެ ކުރީން އެކަމުގެ ޔަގީންކަން ލިބި އެއީ ވާތަނެއްކަމަށް ގަބޫލުކޮށް އިސްލާހުވުމަށް މަސައްކަތްކުރައްވާށެވެ. މިފަދަ ލިޔުންތައް ގިނައިން ކިޔުއްވުމަކީ އެކަމަށް މަގުފަހިވާނެކަމެކެވެ.

    ReplyDelete

Post a Comment

Popular posts from this blog

'Pastafarian' wins religious freedom right to wear pasta strainer for driving licence

Revealed: Employee and manager at centre of salacious resignation email that accused them of having sex in the office

ޕިއްލޭގެ ޤައުމީ ފުޓްބޯޅަޓީމ