އެ އައީ އޮޔާ


މުޙައްމަދު ސިރުޙާން
އަހަރެންގެ ރަށުގައި ތަންކޮޅެއްކުރީ ޒަމާނެއްގައި ރަށުގެ ދެކުނުފަރާތު އަތިރިމަތީގައި ޒިޔާރަތެއް ހުރެއެވެ. އެތަން ހުންނަނީ މީހުން ނޫޅޭ ހިސާބެއްގައި ވަލުތެރޭގައެވެ. އެ ޒިޔާރަތް ކައިރިން މީހަކު ދަންޏާ މީހާގެ އައުރަ ފޮރުވަންޖެހެއެވެ. ކުރު އެއްޗެއްލައިގެން ހުރިއްޔާ ކަކޫ ފޮރުވަނީ ކަކުލުގައި ދެ ފަތް އަޅައިގެންނެވެ. ނަމަވެސް ފަލަމަސްގަނޑުގެ ބައެއް އޮންނަނީ ހާމަޔަށް ފެންނާށެވެ. އެ ޒަމާނާއި މިޒަމާނުގެ އައުރަ ނިވާކުރުމުގެ ފަލްސަފާ ހާދަ އެއްގޮތެވެ. މިޒަމާނުގެ އަންހެންކުދިން ބުރުގާ އަޅާފައި އޮންނަނީ ހަމައެކަނި އިސްތަށިގަނޑުގެ މަތީގައެވެ. ހަށިގަނޑުގެ ދެންހުރިބައިތައް ހުންނަނީ ހާމަޔަށް ފެންނަގޮތަށް ނަމުގައި ބުރުގާ އެޅިފައެވެ. މުޖްތަމަޢުގައި ބަލި ފެތުރުނަސް ނުވަތަ ނުފެތުރުނަސް ހެދުން އެޅުމުގެ ފަލްސަފާއަށް އެއޮތީ ބަލިޖެހިފައެވެ. އެހެންނުވާންވީ ކީއްވެހެއްޔެވެ؟ ސަލާމަތް ބުއްދި ހުރި ކޮންމެ މީހަކަށްވެސް އިނގޭނެފަދައިން ހެދުންއަޅަނީ ފުރިހަމައަށް ނިވާވުމުގެ ގޮތުންނެވެ. ތިބާޔަށް އަނެއްކާވަނީ އެ ވައިރަސް ފޯރާފަ ހެއްޔެވެ؟ މި އޮއްގެންދަނީ މައުޟޫއިން މާބޮޑަށް ބޭރަށެވެ.
ކޮންމެއަކަސް މިބުނި ޒިޔާރަތަކީ ދާދިފަހުން ހެދި އިބްރާހިމް ނާސިރުގެ ޒިޔާރަތަށްވުރެ ބޮޑު، މީހުން ނަދުރުބުނެ އަޅުކަންކޮށް އުޅުނު ތާރީޚީ މޮނިއުމެންޓެކެވެ. އެތާނގައި އޮންނަނީ ކޮންމެސް މީހެއްގެ އިނގިލި ބުރިއެއް ވަޅުލާފައިކަމަށް ބުނެއުޅެއެވެ. އެތާނގައިވާ އެއްޗެއް އެންމެމޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ. މައުމޫނުގެ ޒަމާނުގައި އެތަންވަނީ ލާނެއް ޒުވާނުންތަކެއްވެގެން ހަލާކުކޮށްލާފައެވެ. އަހަރެންވެސް އެތާނގެ އެތެރެއަށް ވަދެ އެމަހާނައިން އެއްޗެއް ފެނޭތޯބެލީމެވެ. އެމަހާނައިގައި ޖަހަންޖެހޭ ގާވެސް ލައްގަނީ ޒިޔާރަތާ ދިމާ ގޮނޑުދަށަށްކަމަށް އެޒަމާނުގައި ބުނެއުޅެއެވެ. އަޖައިބު ކުރަނިވި ކަމެއް ދެއްތޯއެވެ؟ މަހާނަގަލުގެ ބައްޓަމަށް ކޮށާމެށި، ގަދަ ރާޅުގައި އޮޔާ އައިސް އެ ލައްގަނީ އެޒިޔާރަތް ދޮށަށެވެ. ތިބާޔަށް އެވާހަކަ ގަބޫލުކުރަން ދަތިވިކަމުގައި ވިޔަސް އެ ޒަމާނުގައި އެއީ މީހުން ގަބޫލުކޮށްއުޅުނު ވާހަކައެކެވެ. މީހުންގެ ސިކުނޑިއަށް ސަވާރުވާންވެގެން ޖަހާފައި ހުރި ދަންތުރަތަކެކެވެ. ޚާލިގުވަންތަ ﷲ އަށް ޝަރީކުކުރުމަށްޓަކައި ޝައިތާނާ ޖަހާފައިވާ މަޅިތަކެކެވެ.

މިދުވަސްވަރު އަހަރުމެނަށް މި ޒިޔާރަތާ ގާތްކުރާ ޒިޔާރަތްތަކެއް ނުވަތަ މޮނިއުމެންޓްތަކެއް ނިމިގެންދިޔަ ސަތާރަވަނަ ސާކް ސަމިޓް ބޭއްވި އައްޑޫސިޓީއިން ވަނީ ފެނިގެންގޮސްފައެވެ. ޚަބަރުފަތުރާ ވަޞީލަތްތަކުން އެތަންތަނާބެހޭ ޚަބަރުތައް ކިޔާލުމުން އަހަރެންނަށް ބުނެވެނީ އެއީހަމަ ޒިޔާރަތް މޮނިއުމެންޓްތަކެއް ކަމަށެވެ. ތަފާތަކީ އަދި އެތަންތަނަށް އަޅުކަން ނުކުރެވޭތީއެވެ. އެސިޓީގެ އެކިއެކި ތަންތާގައިވަނީ، ކޮށާމެށި، ރީތި ޝޭޕްޝޭޕަށް ހެދިފައިވާ މޮނިއުމެންޓްތަކެއް ބެހެއްޓިފައެވެ. އެބެހެއްޓީ ކާކުގެ ޒިންމާއެއްގެ ދަށުންކަމެއް މިހާރަކު ނޭނގެއެވެ. ސާކްގެ ޤައުމުތަކުން ރާއްޖޭގައި ބަހައްޓަން ފޮނުވި އެއްޗެހިތަކެކެވެ. ސަރުކާރުން ބޭނުންވެގެން ސާކްގެ ޤައުމުތަކުގެ ހަނދާނެއް ރާއްޖޭގައި ބެހެއްޓުމަށްޓަކައި ކުރިކަމެކެވެ. ފޮރިންމިނިސްޓްރީގެ ތަންކޮޅެއްދަށް ބޭފުޅަކު ވިދާޅުވަނީ ދިވެހިންނަކީ މޮޑްރޭޓް ވިސްނުމުގެ ބައެއްކަމަށް ބަލާ ކުރިކަމެއްކަމުގައެވެ. ފޮރިންމިނިސްޓަރު ބުދުތަކުގެ ޒިންމާ އަޅުވަނީ އައްޑޫސިޓީގެ ކައުންސިލްގެ ބޮލުގައެވެ. އެހެންވީމާ އަހަރެންވެސް މިބުނަނީ އެ މޮނިއުމެންޓް ބެހެއްޓީ އެއްވެސް މީހެއްނޫނެވެ. އެކި ޝޭޕްޝޭޕަށް ކޮށި، މެށި، ކަނޑުގައި އޮޔާއައިސް އެއްގަމުގައި ދެމި އެހުރިތަނެއްގައި ހަރުވެފައި އެހުރި މޮނިއުމެންޓްތަކެއް ކަމަށެވެ. މިހެންބުނުމުން ދެން ޒިންމާނަގަންޖެހޭ ފަރާތެއް ނުހުންނާން ދެއްތޯއެވެ؟

މި އާދަޔާޚިލާފް މޮނިއުމެންޓްތަކުގެ ސަބަބުން ވަރަށް ގިނަ މެސެޖްތަކެއް އަހަރުންމެންނަށް ލިބިގެން ހިނގައްޖެއެވެ. އެންމެ މުހިއްމު އެއް ޕޮއިންޓަކީ ދީނާއި ސިޔާސަތަކީ ވަކި ކުރެވޭނޭ އެއްޗެއްނޫންކަމެވެ. ފައްޅި އެޅިޔަސް އެތާނގެ ދިފާއުގައި ސިފައިން ނިކުންނަން ވާޖިބުވާނެކަމެވެ. ފައްޅިއަޅާ މީހާވެސް އޭގެ ޒިންމާ އެހެން މީހެއްގެ ބޮލުގައި އަޅުވާނެކަމެވެ. އެއް ފާފަކުރެވޭތީ ދުނިޔޭގެ ލެއްވިހާ ފާފައެއް ކުރަންޖެހޭނެކަމަށް ޤަބޫލުކުރާބަޔަކު އުޅޭކަމެވެ. އަނެކާ ފާފަކުރާތީ ތިމާވެސް ހަމަ އެފާފަ ކުރަންޖެހޭކަމަށް ޤަބޫލުކުރާބަޔަކު އުޅޭކަމެވެ. މުންކަރާތް ނަހީކުރަން އުޅޭމީހުންގެ ބޮލުގައި ދޮގު ތުހުމަތުއަޅުވައި މުންކަރާތްތަކަށް ހަޤީޤަތުގައި އަރައިގަންނަބަޔަކީ އެމީހުންކަމުގައި ބުނެއުޅުމެވެ. މުންކަރާތްތަށް ފެނުމުން މަނާކުރަންޖެހޭ ފަރާތްތަކުން ހަނުހުރުމުގެ މިނިވަންކަން ބޭނުންކުރުމުގެ ސަބަބުން ބޮޑެތި ފިތުނަތަށް އުފެދިގެން ދިއުމެވެ. ބޮޑެތި ފާފަތަށް ކުދި ފާފަތަށް ކަމުގައިދެކޭ މީހުންއެޅޭކަމެވެ. ދެން ހުރި ޕޮއިންޓްސްތަށް ތިބާ އިތުރުކޮށްލާށެވެ.
އަހަރެން ކަހަލަ ނާ ތަހުޒީބު ''ނެރޯމައިންޑެޑް'' މީހުން މިހެން ދައްކާ ވާހަކަތައްދެކެ ރުޅިގަދަވާނެ ވަރަށް ގިނަ ފަރާތްތައް ވާނެކަން އިނގިހުރިހާލު މިލިޔުން ނިންމާލާނަމެވެ. ލިޔުން ކިޔާލުމުން ރުޅިއިސްވި ހުރިހާ ފަރާތްތަކެއްގެ ފަރާތުން ނިހާޔަތަށް މައާފަށްއެދެމެވެ.

Comments

  1. Thanks to Mohamed Siruhan, please go forward with your articles. we like it very much.

    ReplyDelete

Post a Comment

Popular posts from this blog

'Pastafarian' wins religious freedom right to wear pasta strainer for driving licence

Revealed: Employee and manager at centre of salacious resignation email that accused them of having sex in the office

ޕިއްލޭގެ ޤައުމީ ފުޓްބޯޅަޓީމ