Monday, November 21, 2011

މޮނިއުމެންޓް


މުޙައްމަދު ސިރުޙާން
ވެހޭހާވާރޭގައި ދޭހާ އަތްވެއްގައި، ސިފައިންގެ ފުރިހަމަ ބެލުމުގެ ދަށުގައި މި އިންނަނީ އަހަރެންގެ ޤައުމު ރަމަޒްކޮށްދިނުމަށްޓަކައި ދިވެހިރާއްޖެއަށް އައިސްފައެވެ. އައްޑޫ ސިޓީ އަށް އަހަރެން އައީ ސަތާރަވަނަ ސާކް ސަމިޓަށްޓަކައި ދިވެހި ރާއްޖެއަށް އައުމުގެ ފުރިހަމަ ހުއްދަ ނުވަތަ ވިސާ ނުލިބިއެވެ. ފަހަރެއްގައި އަހަރެންނަކީ ޓުއަރިސްޓެއްކަމަށް ވެސް ބަޔަކު މީހުން ކަނޑައަޅާފާނެއެވެ. އަހަރެންނަށްވެސް ރާއްޖޭގައި މި އިނދެވުނީ ޤާނޫނާ ޚިލާފަށްކަން ރެޔަކާލީ ބަޔަކު މީހުން ނިކުމެ އަޑު އުފުލަންފެށީމައެވެ. މިކަމުގައި އަހަރެން ކުއްވެރިވާނަމަ އަހަރެންނަށްވެސް އަދި އަހަރެން ރާއްޖެ ގެނައުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޙައްޤު އަދަބު ލިބެން ޖެހޭނެއެވެ. އަދި އަހަރެންނާ އެކު އެކީ އީސާގެފާނުގެ މައްޗަށް ކާޓޫނު ކުރެހި މީހުންނަށްވެސް ޙައްޤު އަދަބު ލިބެންޖެހޭނެއެވެ.
އަހަރެންނާއެކު ރާއްޖެއަށް އައި އެހެނިހެން ޤައުމުތަކުގެ މޮނިއުމެންޓްތަކަކީ އެއްބަޔަކު އަޅުކަންކުރާ މޮނިއުމެންޓްތަކެކެވެ. އިންސާނުން ދުނިޔެއަށް އައުމަށް މެދުވެރިވާ އެކައްޗަކީ ''ފިރިހެން ހައްޓޭ'' ކިޔާފަ އެކަހަލަ އެއްޗެއް ރާއްޖެ ނައިކަން ހަމަ ނަސީބެކެވެ. އެހެންވިނަމަ ޕާކިސްތާން މޮނިއުމެންޓަށް ވީވަރަށްވުރެ ބޮޑުވަރު ވީސްކަން ހަމަ ޔަގީނެވެ. އެކަމަކު އޭތި ދިފާއުކުރާނެ ސަދޫމަށް ނިސްބަތްވާ މަދު ބަޔަކު މި ޤައުމުގައި އުޅޭނެއެވެ.

އަހަރެން މިހާރު މިވިސްނަނީ އަހަރެންގެ ޤައުމުން އަހަރެން ސާކް ސަމިޓުގައި ބައިވެރިކުރަން ފޮނުވިއިރު ރާއްޖޭގެ އަހުލުވެރިންގެ ޢަޤީދާއަށް އިޚްތިރާމް ނުކުރިކަމާމެދުގައެވެ. މިކަމުން އިނގެނީ ސާކްގެ ޤައުމުތަކަކީ އެއް ބަޔަކު އަނެއްބަޔަކަށް އިޚްތިރާމް ނުކުރާ ބައެއްކަމެވެ. އަދި އެންމެ ހެއްވާ ކަމަކީ ދީނާ ސިޔާސަތަކީ ދޭއްޗެކޭ ކިޔާ ގޮވަމުންދާއިރު އަހަރުމެން ކަހަލަ ދީނީ ކުލަވަރު ހުންނަ މޮނިއުމެންޓްތަށް ސިޔާސީ ފަރާތްތަކުން ޤައުމު ރަމްޒުކުރަން ފޮނުވާތީއެވެ. އަދި އަހަރުމެންދެކެ ރުޅި އަންނަ ފަރާތްތަށް އަހަރުމެންނާ ހަމަލާ ދޭދިނުމަކީ އެއީ ސިޔާސީ ކަމެކޭ ކިޔާ ހަޅޭއްލަވާތީއެވެ.

އަހަރެންކަހަލަ މޮނިއުމެންޓްތަކަކީ މަތިވެރިވަމުން މާތްވަމުންގޮސް އެންމެފަހުން އަހަރުމެން ހެދި މީހުން އަހަރުމެންނަށް އަޅުކަން ކުރާހިސާބަށްދާ މޮނިއުމެންޓްތަކަކެވެ. މިކަމުގެ ހެކި ދުނިޔޭގެ ތާރީޚަށް ބަލާލީމާ ފެންނާނެއެވެ. އަހަރެން މިހާރު މި ހުރި ރާއްޖޭގެ ތާރީޚުންވެސް މިކަމުގެ ހެކި ފެންނާނެއެވެ. ދިވެހި ކާބަފައިން އަހަރުމެން ކަހަލަ މޮނިއުމެންޓްތަކަށް އަޅުކަންކުރުންދޫކޮށް ދިޔައިރު ދިޔެއީ އަހަރުމެން ތިބެން ހަދާފައިވާ ތަން ތަން އެއްކޮށް ތަޅާނުލާ، ވެލިއަޅާ ފޮރުވާފައެވެ. އަހަރުމެން މި އައި ގޮތަށް ރާއްޖެ އަންނާނެކަމުގެ އުއްމީދުގައެވެ. ކެމްޕޭނުގަވެސް ބޭނުން ކުރެވެނީ އެކަމާ ގުޅުން ހުންނަ ކުލަޔާއި މާކަން އަހަރެންގެ މިވާހަކަ ލިޔާ ފަރާތުން ތިބާއަށް އެބަ ކިޔައިދެއެވެ.

ތެދެކެވެ! އަހަރެންގެ އާއިލާގެ ވަރަށް ގިނަ ވައްތަރުތަށް ދިވެހިރާއްޖޭގެ އެކި އެކި ތަންތަނުގައި އެބަހުއްޓެވެ. އަހަރެން ދެކޭގޮތުގައި އެމީހުންވެސް ދިވެހިރާއްޖޭގެ ޤާނުނާ އިސްލާމްދީނަށް ފުށޫއަރާކަމުގައިވަނީނަމަ މިޤައުމު ދޫކޮށްދާން ޖެހޭނެއެވެ. އެހެން މިބުނީ އަހަރެން މިރާއްޖޭގައި އަތްގަދަކުރާކަށް ނޫނެވެ. އަހަރެންވެސް ކުއްވެރިވާނަމަ ޙައްޤު އަދަބު ލިބެންޖެހޭނެއެވެ.

އަހަރެން، އަހަރެންގެ ކާބަފައިން ދިޔަގޮތަށް ދިވެހިރާއްޖެ ދޫކޮށްފައި މި ދަނީ ސާކް ގެ ޤައުމުތަކަށާއި ދުނިޔޭގެ އެހެނިހެން ޤައުމުތަކަށްވެސް، އެމީހުންގެ އެކުވެރި ޤައުމުތަކުގެ ޢަޤީދާއާއި ޤައުމީވަންތަކަމަށް އިޚްތިރާމްކުރުމަށް ގޮވާލަމުންނެވެ. ނޫނެކެވެ. އޮޅުނީއެވެ. އަހަރެންނަށް ރާއްޖެ ދޫކޮށްދެވޭނީ ރާއްޖޭގެ ސަރުކާރުން އަހަރެން ދޫކޮށްލި ދުވަހަކުންނެވެ. ނުވަތަ އަހަރެން މާތް ކުރަމުން ކުރަމުން ގޮސް ބަޔަކު މީހުން އަހަރެންނަށް އަޅުކަންކޮށް ފައްޅިހަދާ އެތާނގައި އަހަރެން ބަހައްޓަންދެން ރާއްޖޭގައި އަހަރެން ހުންނަން ޖެހިދާނެއެވެ. އެދުވަހާ ހަމަޔަށް އަހަރެންގެ ނަން އޮޅުވާލާ އެކި އެކި ގޮތްގޮތަށް އަހަރެން ހިމާޔަތްކުރާނެ ފަރާތްތަކެއް ތިބާގެ ތިޔަ ދިވެހި ފަސްގަނޑުގައި އެބަ އުޅޭކަން ތިބާޔަށް ނޭގުނަސް އަހަރެންނަށް އެބަ އިނގެއެވެ.

1 comment: