Saturday, May 15, 2010

އަހަރެން އޮރިޔާމުން ނެރުނީކާކު؟

siruart.blogspot.com
މުޙައްމަދު ސިރުޙާން
އަހަރެން އުޅޭނީ އަހަރެން ހިތަށް އެރިގޮތަކަށް، އެކަކަށް ވެސް ނުބެހެވޭނެއެވެ. މިއީ މިނިވަންކަމެވެ. އަހަރެން ހެދުންލާން ބޭނުންނަމަ ލާނަމެވެ. އަދި އެއްވެސް ހެދުމެއް ނުލާވެސް އަހަންނަށް އުޅުމުގެ މިނިވަންކަން އެބައޮތެވެ. ކަލޭމެން އަހަންނަށް ކޮންމެހެން ރަގަނޅުގޮތް ކިޔައިދޭނެ ކަމެއްނެތެވެ. ކޮންމެ މީހަކުވެސް އެމީހަކަށް ފެނުނުގޮތަކަށް އުޅެންވީއެވެ. ބައެއްފަހަރު ޖަންގިޔާކޮޅު ލައިގެން އަނެއްބައިފަހަރު ކުރިމަތިފަރާތް އެކަނި އަދި އަނެއްބައިފަހަރު ކަރާއި ފޫޅާއި ދެމެދު އަދި އަނެއްބައިފަހަރު އިސްތަށިގަނޑު އެކަންޏެވެ. ސޮސައިޓީއެއްގައި ހުސް މިވިސްނުމުގެ މީހުން އުޅޭނަމަ އެސޮސައިޓީއެއްގެ ޙާލު ހުންނާނީ ކިހިނެއްތޯއެވެ؟

އަހަރެމެން މިހާރު މިތިބިި ސޮސައިޓީގައި ތިބެ އެފަދަ ސޮސައިޓީއަކަށް ބަލާލައިފިނަމަ ވަރަށް ހެއްވާ މަންޒަރުތައް ފެންނާނެއެވެ. އެއީ ހުރިހާގޮތަކުންވެސް މިނިވަން ސޮސައިޓީއެވެ. އެފަދަ ތަނެއްގައި އުޅޭނީ ކަލަކުވާކަން ޤަބޫލުނުކުރާ ނުވަތަ ޤަބޫލުކުރަން ނުޖެހޭކަމަށް ދެކޭމީހުންނެވެ. އެ ސޮސައިޓީގެ މޯރަލިޓީ ކަނޑައަޅާނީ ކޮންމެ މީހަކުވެސް އެމީހަކު އަމިއްލައަށެވެ. އިލާހީ ޤާނޫނެއް އެފަދަ ސޮސައިޓީއަކަށް ބޭނުމެއް ނޫންކަމަށް އެތާނގެ މީހުން ބުނާނެއެވެ. މިއީ މިހާރުގެ ދިވެހި ސޮސައިޓީ ދަތުރުކުރަމުންދާ ދިމާލެވެ. މިފަދަ ތަނެއްގެ ހާލާމެދު ވަރަށް ދިގުކޮށް ވާހަކަ ދެއްކިދާނެވެ. އެކަމަކު ތިބާގެ ވަގުތާ އަހަރެންގެ ވަގުތު ތަންނުދޭތީވެ މިވަރުން ދެން ފުއްދާލާނަމެވެ.
އެންމެން ވެސް އުޅެންޖެހޭނީ އޮރިޔާމުން
މިޤަވާއިދުގެ ދަށުން ދުނިޔޭގެ ބައެއް ކުލަބުތައް ހިންގައެވެ. އެފަދަ ތަނެއްގާ އެއްވެސް މީހަކު އެއްވެސް ބާވަތެއްގެ ހެދުމެއްލުން މަނަލެވެ. މިފަދަ ޤަވާއިދެއް ސޮސައިޓީއެއްގައި އޮވެއްޖެނަމަ އެތާނގެ ހާލު އޮންނާނީ ކިހިނެއްހެއްޔެވެ؟ އެއީ މުޅިން މިނިވަން ސޮސައިޓީއެކޭ ނުބުނެވޭނެއެވެ. ސަބަބަކީ އެތާނގައި އުޅެވޭނީ އެތާގެ ޤާނޫނަށް ތަބާވާ މީހުންނަށެވެ. އެމީހަކު ބޭނުން ވިއަސް ހެދުމެއް ނުލެވޭނެއެވެ. ތެދެކެވެ. އެތާނގައި އުޅެން އިޚްތިޔާރުކުރަނީ ތިމާއަށް ލިބިފައިވާ އިޚްތިޔާރުކުރުމުގެ މިނިވަންކަމުގެ ތެރޭންނެވެ. ކުރުގޮތަކަށް ބުނަނީނަމަ މިނިވަންކަމާއެކު ބޯލަނބާ އަޅުވެތިވުމެވެ. އެ ސޮސައިޓީއަށް ވަނުމަށްފަހު ދެން ތިމާބޭނުން ގޮތަކަށް ނުއުޅެވޭނެއެވެ. ދެންޖެހޭނީ މުޅިން ބަރަހަނާކޮށް އުޅޭށެވެ. ހެދުން ލާން ބޭނުންނަމަ ޖެހޭނީ އެތަން ދޫކޮށް ހިޖުރަކުރާށެވެ. މިފަދަ ސޮސައިޓީއަކަށް ވަރަށްގިނަ ފައިދާއާއި ގެއްލުން އެބަހުއްޓެވެ. ފައިދާތަކުގެ ތެރޭގައި، ހެދުން ގަތުމަށް ކުރަންޖެހޭ ހުރިހާ ޚަރަދެއް ނެތިދިޔުން، ބޭރުން ހެދުމާ ފޮތި އެތެރެކުރަން ނުޖެހުމުގެ ސަބަބުން ޤައުމުގެ އިޤްތިސާދު ރަނގަޅުވުން، ލާނީ ކޮންހެދުމެއްތޯ ވިސްނަންޖެހޭ ވަގުތުތައް ފައިދާހުރި އެހެންކަމެއްގައި ހޭދަކުރަން ފުރުޞަތުލިބުން، އޮފީހަށް ގަޑިނުޖެހި ދެވުން، ސިފައިން ނުވަތަ ސަރުކާރުން ޔުނީފޯމު ދޭންޖެހޭ މީހުންނަށް ކުރަންޖެހޭ ޚަރަދުތަކުން ސަލާމަތްވުން، އެކަކު މާރީތި ހެދުމެއް ލުމުގެ ސަބަބުން ހިތަށްވަންނަ ޙަސަދަތައް ނެތިދިޔުން، ކާބަން ނިއުޓްރަލް ސޮސައިޓީއަކަށް ވުން، ބޭނުން އިރަކު ބޭނުން މީހެއްގެ އައުރަ ބަލާލުމުގެ މިނިވަންކަން ލިބުން، ގިފިލި ނުވަތަ ފާޚާނަ ބަލާމީހުން ސޮސައިޓީން ހުސްވުން، ޕޯން ނުވަތަ ބަރަހަނާ ފިލްމުތަކާއި ޕޯން ސައިޓުތަކަށް ވަންނަ މީހުންނޫޅުން، އާބާދީ މަދުކުރުމުގައި އެހީއަކަށްވުން، ކިޔަވާކުދިން ވެސް މިފަދަ ފިލްމުތަކާއި ސައިޓުތަކަށް ވަނުމުން ޖެހޭ ނަފްސާނީ ބަލިތަކުން ކުދިން ސަލާމަތްވުމުގެ ސަބަބުން ކިޔެވުމަށް ފަހަރުގަ ފަސޭހަވެސް ވެދާނެއެވެ. އަހަރެން މިހާހިސާބުން ކުރުކޮށްލާނީ ތިބާގެ ހިތުގައި ތިޔަހުރި ފައިދާތަކަށް ޖާގަދެމުންނެވެ.
މިފަދަ ސޮސައިޓީއަކަށް ލިބިދާނެ ގެއްލުން ނުވަތަ ޑިސްއެޑުވާންޓޭޖުތަކުގެ ތެރޭގައި އިންޓަނެޓު ކެފޭތައް ބަންދުކުރަންޖެހުމާއި ޕޯން ސައިޓުތަކުގެ ޑިމާންޑު ދިއުމުގެ ސަބަބުން އެފަދަސައިޓުތައް ހުއްޓާލުން، ހެދުމާ ފޮތިވިއްކާ ވިޔަފާރިވެރިން އިނދަޖެހުން، ފަހާތަންތަން ބަންދުކުރަންޖެހުން، ފެޝަން ޑިޒައިނަރުންގެ ބޭނުން ކެނޑުމާއި މޮޑެލް ކުރާކުދީންގެ ބޭނުން ކެނޑުމާއި ފެޝަން ޝޯތަކުން ލިބޭފައިދާ ނުލިބުން، ތަފާތު އިޝްތިހާރުތަކާއި ބިލްބޯޑުތަކުގައި ބޭނުންކުރާ އަންހެންކުދިންނަށް ލިބޭފައިދާތައް ނެތިގެންދިޔުން، މިފަދަ އިޝްތިހާރު ހަދާމީހުންނަށް އިތުރަށް ވިސްނަން ޖެހުން، ޕޯން މެގަޒިންތަކާއި ސޮފްޓްޕޯން މެގަޒިންތަކާއި މޮޑެލް މެގަޒިންތަކުން ފައިދާނުވުން، ހަންގަޑުގައި ލައްތައް ގިނަމީހުން ނުވަތަ އުނިމީހުން ލަދުގަންނަން ޖެހުން، ދެމަފިރި ކަމުގެ ގުޅުން ހިންގުމުގައި ދަތިތަކާ ކުރިމަތިވުން ނުވަތަ އެކަމަކީ ތިން އަހަރުން އެއްފަހަރު ކުރާކަމަކަށް ވުން، ޝަހުވަތް ތެރިކަން ގެންނަން ކާންޖެހޭ ބާރުގަދަ ބޭސްތަކުގެ ސަބަބުން ހަށިގަނޑަށް އެކިކަހަލަ ގެއްލުންތަކާ ކުރިމަތިވުން، މިހެން ގޮސްވަރަށް ގިނަކަންކަމެވެ.
ހެދުންލައިގެން އޮރިޔާމުން
މިއީ އެންމެ ފުރަތަމަ ބަޔާންކުރި ސޮސައިޓީގެ ގޮތްޕެކެވެ. ނުވަތަ އެފިކުރުގެ އަވަށްޓެރިއެކެވެ. މިއީ މިހާރުގެ ދިވެހި ސޮސައިޓީއޭ ބުނުމުން އެކަމާ ހަމައެކަނި އިންކާރުކުރާނީ އައުރައަކީ ތިމާބޭނުންގޮތަކަށް ކަނޑައެޅޭ އެއްޗެއްކަމަށް ޤަބޫލުކުރާ މީހުންނެވެ. މިފަދަ ސޮސައިޓީއެއްގައި އުޅޭ މީހުންނަށްވަނީ އައުރައާއި އައުރަ ހާމަވެގެންދާ ގޮތްތައް އޮޅިފައެވެ. އެކަމުގެ ސަބަބުން އައުރަކަމަށް ތިމާދެކޭ ތަންތަންވެސް އޮންނަނީ ހާމަވެގެން ދާއިރުވެސް ނޭނގިފައެވެ. މިސާލަކަށް ފިރިހެނާގެ އައުރަ ފޫޅާ ކަކުލާ ދެމެދުކަން ޤަބޫލުކޮށް ހަމައެކަނި ޓައިޓު ލައިގެން ނުކުތުމުން އެހެރީ އައުރަނިވާވެފައެވެ. އެކަމަކު ފޮރުވެނީ ހަމައެކަނި އައުރައިގެ ކުލައެވެ. ނުވަތަ ހަންގަޑެވެ. ހަމަ މިގޮތަށް އަންހެނުންގެ ވެސް އައުރައިން ފޮރުވެނީ ހަމައެކަނި ހަންގަނޑުގެ ކުލައެވެ. އެކަމަކު އެފަދަ މީހުންނަށް އެމީހުން ދެކޭގޮތުގައި އެހެރީ އައުރަ ނިވާކުރެވިފައެވެ. އެއާ ދެކޮޅަށް އެއްޗެއް ބުނުމުން ވަރަށް ފޫހިވާނެއެވެ. ފުރިހަމަ އިސްލާމީ ސޮސައިޓީއެއްގެ ލޮލުން މިފަދަ ސޮސައިޓީއަކަށް ބަލާލުމުން ކުޑަކޮށް ހިނިއަޔަސް އެފަދަލޮލަކުން ހިތާމައިގެ ކަރުނަވެސް ފައިބާނެއެވެ.
ކޮންމެއަކަސް އަޅުގަނޑު ގޮތެއްނުނިންމާނަމެވެ. މިފަދަ ސޮސައިޓީއެއްގައި ފައިދާލިބިގަންނަ ބަޔަކާއި ގެއްލުން ލިބޭނެ ބަޔަކުވެސް އުޅޭނެއެވެ. ފައިދާތަކުގެ ތެރޭގައި ތަފާތުފެޝަން ޑިޒައިނަރުން، ހެދުމުގެ ވިޔަފާރި ކުރާމީހުންނާއި ފެޝަން ޝޯތަކުން ފައިދާތައް ލިބިގަންނަމީހުން، ފެޝަން މެގަޒިން ތަކުން ލިގިގެންދާ ފައިދާ، ކުރު ނުވަތަ ތުނި ނުވަތަ ބާރު ހެދުންތައް ލާންކެރޭ މޮޑެލްކުރާ ކުދިންނަށް ލިބިގެންދާ ފައިދާ ނުވަތަ ލިބިގެންދާ މަޝްހޫރުކަން، ސެކްސްޝުއަލް ފެންޓަސީ ތަކަށް މީހުން އިޚްތިޔާރުކުރަން ފަސޭހަވުން، ސޮސައިޓީގެ އަހުލުވެރީންގެ ސިއްރުތަކަކީ އެންމެންނަށް އިނގޭ ސިއްރުތަކަކަށް ވުން، މީހުންގެ ހެދުމުގެ އެތެރޭގައިވާ އައުރަތައް ބަލާހިތުން މަރުދަންޖެހޭ މީހުންނަށް ކޮންމެހެން ގިފިލި ނުވަތަ ފާޚާނާ ބަލަން ނުޖެހުން، ތަފާތުު އަންޑަވެޔާ ވިއްކާމީހުންގެ ޑިމާންޑުހައިވުން، ނުސީދާކޮން ހަށިގަޑުގެ ވަނާތައް ދައްކައިގެން މީހުން ހެއްލުންތެރި ކުރުމާއި ކަސްބީ މީހުންނަށް މާކެޓިންގައި ފަސޭހަވުން، ތަފާތު ވިޔަފާރިކުރާ ފަރާތްތަކުގެ މާކެޓިންތަކުގައި ނުވަތަ އިޝްތިހާރުތަކުގައި މިފަދަ އަންހެންކުދީން ބޭނުންކޮށްގެން ފައިދާ ލިބިގަންނަށް ފަސޭހަވުން (ބޮޑަށް ބަރަހަނާ ކަންބޮޑު ފޮޓޯ ނުވަތަ ހެދުންލީ ކުދިން ބޭނުން ކުރުމުން މާކެޓިންގައި ފަސޭހަ ވެއެވެ. އެއީ އެކީ ހާމަވުމާ ކުޑަކޮށް ހާމަ ވުމުގެ ހުރިތަފާތެވެ، މުޅިން ހާމަކޮށް އުޅޭ ސޮސައިޓީއެއް ވެއްޖެނަމަ އައުރައިގެ ވެލިއު ގެއްލެނީއެވެ.) ވަނާތައް ނުސީދާކޮށް ދައްކައިގެން ވަޒީފާތަކުގައި ކުރިއަރައިގެންވެސް ދެވިދާނެއެވެ. މިފަދަ ވަރަށްގިނަ ފައިދާތައް، ލިބިގަންނަ ފަރާތްތަކަށް ލިބިގެންދެއެވެ. ކުރުކޮށްލުމަށްފަހު ގެއްލުމާދިމާލަށް އެނބުރިލާނަމެވެ.
ހެދުން އިޚްތިޔާރުކުރުމުގައި ގިނަވަގުތު ހޭދަވުން، ތަފާތު ފެޝަންތަކުގެ ހެދުންތައް އަވަސް އަވަހަށް ނުވަތަ ކޮންމެ ދުވަހަކު އޮފީހަށްދާން އާހެދުމެއް ލާންޖެހުގެ ސަބަބުން ގިނަ ފައިސާތަކެއް އަތުން ދިޔުން ނުވަތަ މުސާރައިގެ ދެބައިކުޅައެއްބައި ހެދުންގަތުމުގައި ޚަރަދުވުން، ބަލިކަށި ހިތްތަކުގެ މީހުން ވާވަދެގެން ދިޔުން ނުވަތަ ސޮސައިޓީގެ ޢަދުއްވުން އެސޮސައިޓީއަށް ނަފްސާނީގޮތުން ނުވަތަ ފިކުރީ ގޮތުން ހަމަލަދިނުމަށް ފަސޭހަވުން، ޝަހުވަތްތެރިކަން ހިނގާ ކިޔަވާކުދިންނަށް ލިބިގެންދާ ގެއްލުމުގެ ސަބަބުން އެކުދިންގެ ކިޔެވުން ދަށްވުން، އެކަމުގެ ސަބަބުން އެކުދީން ޕޯނޯގްރަފީއަށް ގޮސް ކިޔެވުން ހަލާކު ވުން، ވިސްނުން ކޮށިވުމާއި އެކުދީންގެ ފިކުރުތައް އެކަމަށް މުޅިން ހޭދަވުން، ދެމަފިރީންގެ ކައިވެންޏަށް ބުރޫއެރުން، ވަރިގިނަވުން، ޕޯންއާއި ބަރަހަނާ ފޮޓޯތައް ގިނަވުން، އަދި މިނޫނަސް އައުރަ ފުރިހަމަޔަށް ނިވާނުކުރުމުން ސޮސައިޓީއަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންނާއި އިޤްތިސާދީ ގޮތުން ވެސް ވަރަށް ގިނަ މަސްއަލަތަކާ ދިމާވެގެން ދެއެވެ. ކުރުކޮށްލާނަމެވެ. ދެން ބަލާލާނީ ތިމާ އައުރަ ކަނޑަ އަޅާނީ ކިހިނެއްތޯއެވެ؟
ތިބާ ފާޚާނާއަށް ތިޔަވަނީ ސޯޝަލް ސެންޓަރުގައި އޮއްނަ ތަފާތު ފައިވާން ދައްކާލުމުގެ ގޮތުން ބާއްވާ ޝޯއެއްގައި ބައިވެރިވުމަށްޓަކައެވެ. ފާޚާނާއަށް ވަނުމަށްފަހު ތިބާގެ އަންނައުނު ބާލާ ފާޚާނައިގާ އަޅުވާލިއެވެ. ވަރަށް އަވަސް އަވަހަށް ފާޚާނާ ކޮށްގެން މިހާރު ތިދަނީ މޮޑެލް ކޮށްލާނެ ރީތިގޮތަކާމެދު ވިސްނަމުން ސޯޝަލް ސެންޓަރަށެވެ. އެ ފެޝަން ޝޯގައި އެންމެ ގިނައިން ކެމަރާތަކުގެ ފުލޭޝް ކެނޑުނީ ތިބާ ސްޓޭޖަށް އެރުމުންނެވެ. ފިރިހެންވެރީންގެ އަޑުވެސް ގަދަވިއެވެ. ޝޯނިމިގެން މިހާރު ތިދަނީ ތިބާގެ ރައްޓެހި ދޮންމަންޖެގެ ގެއަށެވެ. ދޮންމަންޖެ ގެ ގެހުންނަނީ ހެންވޭރު ކޮޅުގައިކަމުން މާފަންނުން ހެންވޭރަށް ދިއުމަށްޓާކާ ހިނގައިގަތީއެވެ. ގަޑިއަކީ ރޭގަނޑު މީސްތަކުން ބާޒާރަށް ނިކުމެއުޅޭ ގަނޑިއެވެ. ޢިޝާނަމާދު ނިމުނީ ދާދިދެންމެއެވެ. ތިބާ ސްޓާސިނަމާއާއި ހަމަވިތަނާ އެއިވުނީ މުސްކުޅި ބޭބެއެއް ޗޮކެއް ކަނޑާލިއަޑެވެ. "ތީދެން ތަންކޮޅެއް ބޮޑުވަރު، މަންޖެއަށް ހަމަނޭނގެނީތަ މަންޖެ ތިހުރީ އޮރިޔާމުންކަން ، އެއްވެސް ހެދުމެއް ނުލާކަން" އެބޭބެ މިހެން ބުނުމާއެކު ތިބާގެ ހަށިގަނޑަށް ބަލާލެވުނެވެ. ތެދެކެވެ. މިހުރެވުނީ އެއްވެސް އެއްޗެއް ނުލައެވެ. ފާޚާނާގައި ހެދުން ކޮޅު އަޅުވާލާފަ ބެހެއްޓިގޮތަށް ނިކުމެގެން މިއާދެވުނީ ހެދުންތައް ފާޚާނައިގައި ބަހައްޓާފައެވެ. ފެޝަން ޝޯގައި މިރޭ އެހާ ކާމިޔާބު މީހަކަށް މިވެވުނީ އެއްވެސް އެއްޗެއް ނުލާ މޮޑެލް ކުރެވުނީމަތާއެވެ. ތިބާގެ ހިތަށް މިހެން އަރަމުން ދިޔައިރު ލަދުން އަވަހަށް އައުރަ ނިވާކުރާނެ ގޮތެއްހޯދަން ތެޅިގަނެވުނެވެ. އަސްތާ ނަސީބު ވަރަށް ރަނގަޅެވެ. ކުރިމަތީ އެހުރީ ބޮޑީ ޕެއިންޓުކުރާތަނެކެވެ. އެތަނަށް ވަދެ ބޮޑީ ޕެއިންޓު ހަދާލީމެވެ. މިހާރު އެހެރީ އައުރަ ނިވާވެފަކަމަށް ބަލާ ކުރިއަށް ހިނގައިގަތީއެވެ.
މާފަންނު ސަހަރާއާ ހިސާބުން އެދިމާވީ ކިޔަވަން އުޅުނުއިރުގެ ރައްޓެއްސެކެވެ.
ރައްޓެހިކުއްޖާ : "ހާދަރީތި ހެދުމެކޭ" މިހެން ކިޔާ ތިބާގެ ގައިގާ އަތް ކާތްތާލިއެވެ.
" އަތްޗީ ހުސްކުލަ ދޯ، އަހަރެންގެ އަތަށް އެއައީ ހުރިހާ ކުލައެއް، އެދިޔައީ ކުލަކޮޅު"
އެހެން ބުނުމުން ބަލާލި އިރު ތެދެކެވެ. ކުލަކޮޅު ކެހުނީއެވެ. ތިބާ ތިބާގެ ރަޙުމަތްތެރިޔާ ގެ ހެދުމުގައި އަތްޖައްސާލަމުން. "ތިހުރީ ހަމަމިގޮތަށް ބޮޑީ ޕެއިންޓުކޮށްފަތަ؟ ހަމަހީވަނީ ބޮޑީ ޕެއިންޓްހެން ވިއްޔާ ތިހެދުންވެސް."
ރަޙުމަތްތެރިޔާ: "އަހެރެންނަކަށް ނުކެރޭނެ ތިހެން ބޮޑީޕެއިންޓް ކޮށްގެން ހެދުން ނުލާ އުޅޭކަށް"
އެހެން ބުނުމުން ތިބާ އަހާލިއެވެ. " ތިހެދުމާ މިހެދުމާ ހުރިތަފާތަކީ ކޮބައިތޯއެވެ؟"
ރަޙްމަތްތެރިޔާ : " ދެންމެ އެކުލަ ކެހުނުގޮތަށް ކުލަ ނުކެހޭނެއެއްނު؟"
ތިބާ ރަޙްމަތް ތެރިޔާއާ ވަކިވަމުން އެބުނެދިން ވާހަކަ ޤަބޫލުކޮށް ޝުކުރު އަދާކުރުމަށް ފަހު، ކަންމަތީ ފިހާރައިން ރަޙުމަތްތެރިޔާ ލައިގެން ހުރިކަހަލަ ގަޔަށްބާރު ޓޮޕްކޮޅަކާއި ބެލްއެއް ގަނެ އެލައިގެން އަނެއްކާވެސް ހިނގައިގަތީއެވެ.
ކުރިއެކޭ އެއްގޮތަށް ތަންކޮޅަކަށް ހިނގައިގަތް ތަނާ، އެދިމާވީ އެއްދުވަހު ކުޑަބަނޑޮހަށް އެކުގަ ދަތުރުދިޔަ ރައްޓެއްސެކެވެ. ތަފާތަކީ ބުރުގާ އަޅާފަ ހުރިކަމެވެ. އެކަމު ދެންހުރި ހުރިހާބައެއް ހުރީ ހަމަ ތިބާލައިގެން ހުރިކަހަލަ ގަޔަށްބާރު ހެދުމެވެ. ކުރުކޮށް ފޮނިކޮށް ބުނަނީނަމަ ހަމަ ބޮޑީޕެއިންޓެވެ.
ތިބާވާހަކަދައްކަން ފެށިއެވެ. "ކީއްވެ ބުރުގާއެޅީ"
ރަޙްމަތްރިޔާ: " ކުޑަކޮށް ހީލާފައި. މިހާރު އެންމެން ބުރުގާ އަޅަނީނު، އެހެންވެ ދެންމަވެސް އެޅީ"އަދި ތިބާކައިރީ ބުރުގާ ނާޅަން ތޯ ސުވާލުކޮށްލިއެވެ.
ތިބާއަށްވެސް އެއީ ރަގަނޅު ކަމެއްކަމަށް ފެނި، މާކަރީ ހޮޓާކައިރި ހުރިފިހާރައަކުން، ރަޙުމަތްތެރިޔާ އަޅައިގެން ހުރިކަހަލަ، ހެދުމާ ގުޅޭ ބުރުގަލެއް ގަނެ އެ އަޅައިގެން ކުރިއަށް ހިނގައިގަތީއެވެ. ތެދެކެވެ. އެންމެން ބުރުގާ އަޅާފައެވެ. އެކަމަކު ދެން އެދިމާވީ ވަރަށް ކުރިން ޕާޓިއަކުން ދިމާވި ރައްޓެއްސެކެވެ. އޭނަހުރީ ބުރުގާނާޅާއެވެ. ތިބާ ވަރަށް ޒަމާންވެފަ ފެނުނުއިރު ބުރުގާ އަޅާ ބަދަލުވެފަ ހުރުމުން ހައިރާން ކަމާއެކު ސުވާލުކުރިއެވެ. "ކީއްވެ ބުރުގާއެޅީ؟ ކުރީގެ ރައީސް މައުމޫން ބުންޏެންނު ބުރުގާ އެޅުން ލާޒިމެއް ނޫނޭ؟"
ތިބާއަށް އެބަސް ހަނދާންވިއެވެ. އަދި ރަޙްމަތްތެރިޔާ ލައިގެންހުރި ހެދުމަށް ބަލާލިއެވެ. ހަމަ ބޮޑީޕެއިންޓުކޮށްލާފަ ހުންނަގޮތާތަފާތެއް ނޫނެވެ. ހައިރާންކަމާއެކު ސުވާލުކޮއްލިއެވެ. "މައުމޫނު ހަމައެކަނި ބުރުގާ އެޅުމާ އޭ ދޮކޮޅު ހެއްދެވީ އެކަމަކު ނުބުނުއްވައެންނު ގަޔަށް ބާރު، ތިބާގެ ހަށިގަޑުގެ ލަދުވެތި ގުނަވަންތައް ފެންނަކަހަލަ ހެދުން ލާށެކޭ އަދިކުރު ހެދުން ނުވަތަ ތުނި ހެދުން ލާށެކޭ".
ރަޙްމަތްތެރިޔާ ހައިރާން ކަމާއެކު ތިބާގެ ބަހަށް އެއްބަސް ވިއެވެ. އެކަމަކު ކުޑަކޮށް ހިނިތުންވެލާފައި ސުވާލުކޮއްލިއެވެ. "އަހަންނާ ކަލެއާ ހުރިތަފާތަކީ ހައެކަނި އިސްތަށިގަނޑު ނިވާ ނުވާކަން ، އެހެންބައިތަށް ތިހުރީ ހާމައަށް"
ތިބާއަށް ތިބާގެ ހެދުމަށް ބަލާލެވުނެވެ. ތެދެކެވެ. އެބުނީ ރަނގަޅުވާހަކައެކެވެ. ދެމީހުން ދެމީހުންގެ ވާހަކައަށް އެއްބަސްވެ ފިހާރައަކުން ދޫކޮށްހުރި ހެދުން ގަނެ ރަޙްމަތް ތެރިޔާވެސް ބުރުގާ އަޅައިގެން ދިޔައީ އޭނަގެ ގެއަށެވެ. ތިބާ ތިދަނީ ހަމަ މަޖީދީ މަގުން ދޮންމަންޖެގެ ގެއެއަށެވެ.
މިހާރު ތިހުރެވުނީ ދޮންމަންޖެގެ ގެ ކުރިމަތީގައެވެ.
ދޮންމަންޖެ ތިބާފެނުމުން ވަރަށް އުފާވިއެވެ. އަދި އެންމެ އުފާވިކަމަކަށްވީ ތިބާ ބުރުގާ އަޅާފައި ވުމުންނެވެ. އެކަމަކު ތިބާ ތިޔަހުރީ ހައިރާންވެފައި ދޮންމަންޖެ އާ ދިމާ ބަލާށެވެ. ވާނީވެސް އެހެންތާއެވެ. ދޮންމަންޖެ ހުރީ މޫނު ބުރުގާވެސް އަޅައިގެންނެވެ. ތިބާއަށް އެހައިރާން ކަމާއެކު ސުވާލު ކުރެވެނެވެ. " ދޮންމަންޖެ ކީއްވެ މޫނުބުރުގާއެޅީ؟"
ދޮންމަންޖެ ހިނިއައި އަޑު އިވުނެވެ. މޫނު ބުރުގާ އެޅި ސަބަބު ކިޔައިދެން ފެށިއެވެ.
އަހަރެން އެއްދުވަހަކު ކުރީގެ ސަރުކާރުގެ އިސްވެރިއަކު އާޓިފިޝަލް ބީޗުގައި އެބޭފުޅުންގެ ޕާޓީޖަލްސާއެއްގާ މަޝްހޫރު ކުރި ދިވެއްސަކު ހިންގާ ސައިޓަކަށް ވަނީމެވެ. އޭނާގެ ލިޔުންތައް ކިޔަމުން ދިއައިރު އަހަންނަށް ފާހަގަ ކުރެވުނީ އޭނާ ސުންނަތަށް ޖޯކުޖަހަން ވެގެންނޭ ކިޔާފަ އިސްލާމްދީނަށް ޖޯކުޖަހާފައި ހުންނަތަނެވެ. އޭނަ ލިޔެފައިވާ ލިޔުމެއްގައި ބުނަނީ ހަމައެކަނި އަހަރެމެން ތަބާވާން ޖެހެނީ ޤުރްއާނަށެވެ.
ކޮންމެހެން ޙަދީޘް އަކަށް ނުވަތަ ސުންނަތަށް ތަބާވާކަށް ނުޖެހެއެވެ. މީނާގެ ގޮތް ދިފާއުކުރަން ވެގެން ތަފާތު ކޮރަޕްޓުވެފައިވާ ލޮޖިކްތަށް ގެނެސްފައިވެއެވެ. އޭނަބުނަނީ ބުރުގާއަޅަން ނުޖެހޭކަމަށެވެ. އަހަރެން ހައިރާން ވިއެވެ. މީނަ ބައެއްފަހަރު ރަނގަޅަށް ކަލަކުވާކަންވެސް ޤަބޫލުނުކުރާ މީހަކު ކޮންމެހެން އަހަރެމެންގެ ދީނުގެ ޙުކުމްތަކާ ބެހޭގޮތުން ވާހަކަދައްކަން ޖެހޭހެއްޔެވެ. އަދި ޤުރްއާންވެސް އަހަރެމެންނާ ހަމައަށް ގެނެސް ދިނީ ރަސޫލާ(ޞައްލަﷲ ޢަލައިހި ވަސައްލަމް)ގެ ދޫފުޅުންނެވެ. އަދި އެކަލޭގެފާނަކީ އެއީ އަހަރެމެން ތަބާވާ އެންމެފަހުގެ ރަސޫލާއެވެ. އެކަލޭގެފާނު އަހެރެމެންނަށް ނުބައިކަމަކަށް އަމުރުކޮށްފާނެކަމާމެދު ޝައްކުކުރުމަކީ އަހަރެމެންގެ ދީނާމެދު ޝައްކުކުރުމެވެ. އަދި ޤުރްއާނަށް ފުރިހަމައަށް ތަބާވެވޭނީ އެކަލޭގެފާނަށް ތަބާވެގެންނެވެ. އެހެނީ ﷲ ޤުރްއާނުގައި އެކަލޭގެ ފާނަށް ތާބަވުމަށް އަންގަވާފައިވެއެވެ. ވީމާ އެކަލޭގެފާނުގެ ސުންނަތަށް ނުވަތަ ހަދީޘްތަކަށް ތަބާވުމަކީ ޤުރްއާނަށް ތަބާވުމުވެ. ރަސޫލާ(ޞައްލަﷲ ޢަލައިހި ވަސައްލަމް)ގެ ސުންނަތަކީ އިސްލާމް ދީނުގެ ދެވަނަ މަސްދަރެވެ. މިޒަމާނުގެ ބޮޑެތި ރަތްލާޖެހި ކާފިރުންވެސް އެކަލޭގެފާނުގެ ހަދީސް ތަކާމެދު ޝައްކުނުކުރެއެވެ. ބުނެފައިވެއެވެ. " ކްރިސްޓިއަނުން އެމީހުންގެ ފޮތްތަކާމެދު ޝައްކުކޮށްފާނެއެވެ. އެކަމަކު މުސްލިމުން އެމީހުންގެ ފޮތްތައް އެބަހީ ޤުރްއާނާއި އެބައި މީހުންގެ ރަސޫލާގެ ސުންނަތް ނުވަތަ ހަދީސްތަކާމެދު ޝައްކު ނުކުރެއެވެ" . އެބުނަނީ ރަސޫލާގެ ކިބައިން ޞައްޙަ މަގުން އައިސްފައިވާ ޙަދީސްތަކުގެ ވާހަކައެވެ.
އަހަރެން މިގޮތަށް އޭނަގެ ލިޔުންތަކާމެދު ވިސްނަމުން ދަނިކޮން އެނގުނު އެއްޗަކީ އިސްލާމްދީނުގެ ޙުކުމްތަށް ދެނެގަންނަން ކޮންމެހެން މިއުޅޭ މީސްމީހުން ގެ ލޮޖިކްތަކަށް ތަބާންވާން ނުޖެހޭކަމެވެ. ދީނުގެ ޙުކުމްތައް ދެނެގަންނަށްޏާ ރުޖޫޢަވާން ޖެހޭނީ ކީރިތި ޤުރްއާނާއި ރަސޫލާ(ޞައްލަﷲ ޢަލައިހި ވަސައްލަމް) ގެ ސުންނަތަށެވެ. ދެން އަހަރެން ރާއްޖޭގެ އިލްމުވެރިން ކައިރިން ދީން އޮޅުން ފިލުވަން ފެށީއެވެ. މިބުނެވުނީ ކުރުކޮށް އަހެރެން މޫނުބުރުގާ އެޅި ސަބަބެވެ.
ދޮންމަންޖެގެ ވާހަކަ ނިމުނުއިރު ތިބާއަށް އިނދެވުނީ ފެންކަޅި ވެފައެވެ. އަދި ބުނެވުނެވެ. "ސިރޫ އަހަރެންނަން ދިން ލަނޑު ބަލާބަލާށެވެ. މިއޮއް ހުރިހާއިރު އޮރިޔާމުން އެ ގެންގުޅުވީ މަޖީދީ މަގުގައެވެ. އަދި ބުނަމުން ދިޔައީ ތިބާއަށް ފެންނަގޮތަކަށް ހެދުން އަޅަމުން ދާށެވެ. އެކަމަކު ދޮންމަންޖެގެ ކިބައިން މިއެނގުނީ ދީނީ ޙުކުމްތައް ދެނެގަތުމަށް ބަލަން ޖެހޭނީ ޤުރްއާނާ ސުންނަތަށް ކަމަށެވެ. ކިހާދެރަހެއްޔެވެ؟ މަޖީދި މަގުން މިއާދެވުނީ އަހަރެންގެ އައުރަ މީސްތަކުންނަށް ނީލަން ކިޔަމުންނެވެ. ސިރޫ ކަލެއަށް ލަނޑެއްދޭނަމެވެ. ދެން އަހަރެން ތިގޮތަށް އޮރިޔާމުން މަގުމައްޗަށް ނެރުނަކަ ނުދޭނަމެވެ.

10 comments:

 1. gadda liyumeh ingey

  ReplyDelete
 2. ވަރަށް ފުރިހަމަ ލިޔުމެއް

  ReplyDelete
 3. dhen alhe kalee men dhashu vefa tha thi ben vi munuburga alhagen...

  ReplyDelete
 4. Yah! Great article!

  ReplyDelete
 5. interesting article:D keep up your work. i hope we get more of these articles

  ReplyDelete
 6. boagoas ninjaain

  ReplyDelete
 7. Anonymous said...
  May 21, 2010 10:59 PM
  boagoas kaleyves kiyaifeemeh nun,

  gigi

  ReplyDelete
 8. nice atical, keep it up bro,
  adhi kiya kiyafa ebakiya ennu ehchehi dhen keehkuransho thikiyany..

  ReplyDelete