ފޫހިކަން ރޫޙީކަމަކަށް

ފޫހިކަން ރޫޙީކަމަކަށް
މުޙައްމަދު ސިރުޙާން
އަހަރެން އީމާންކަމުގެ ޙަޔާތަށް އައުމުގެ ކުރީގައި އުޅުނީ ގިނަވަގުތުތަކުގައި މާޔޫސްވެ ކުރާނެ ކަމެއްނޭނގި ފޫހިކަމާއެކުގައެވެ. ދުނިޔޭގެ ޙަޔާތުގެ ޙަޤީޤީ މާނަ އޭރަކު ނޭނގެއެވެ. ވަގުތުގެ މުހިންމުކަން އެނގި އޭގެ ބޭނުން ކުރާނެ ގޮތެއްނޭނގެއެވެ. މިޙާލުގައި ދުނިޔޭގައި މިހާރުވެސް ވަރަށްގިނަ މީހުން އުޅޭނެކަން ހަމަ ޔަޤީނެވެ. ދެރަވެ މާޔޫސްވެ ދުނިޔޭގެ ޙަޔާތްމަތިން ފޫހިވެފައިވަނީ ކިތައް މީހުންތޯއެވެ؟ ފޫހި ފިލުވައި ހިތްހަމަޖެއްސުމަށްޓަކާ ފާފަތައް ތަޖުރިބާކުރަނީ ކިތައްކިތައް ޒުވާނުންތޯއެވެ؟ އޭގެ އެންމެ ޢަޖައިބުވާންޖެހޭކަމަކީ މިހުރިހާކަމަކުންވެސް ފޫހިކަމާ ހިތްނުތަނަވަސްވުން ނޫންކަމެއް އިތުރު ނުވާތީއެވެ. ފާފައަކަށްފަހު ފާފައެއް ކުރަމުން ފާފަތަކަށް އަޅުވެތިވެގެން ދެވޭތީއެވެ. މިދުނިޔޭގެ ޙަޔާތް އަނދިރިވެ އާޚިރަތުގެ ޙަޔާތަށް ތައްޔާރު ނުވެވިހުއްޓާ މަރު ތިމާޔާ ބައްދަލުކުރާނެތީއެވެ.

މިއަނދިރިކަމުން އަހަރެންނަށް ސަލާމަތްވެވިދާނެތޯއެވެ؟ މި ކަޅު އަނދިރީގެ ޙަޔާތުން އުފާވެރި ޙަޔާތަކަށް އަހަރެންނަށް ދެވިދާނެތޯއެވެ. މިފަދައިން ސުވާލު ކުރެވިއްޖެނަމަ މިޙަޔާތުގެ ޙަޤީޤީ މާނަ ރަނގަޅަށް އެނގޭ މީހަކު ވެއްޖެނަމަ ބުނާނީ ތިޔައީއެއްވެސް ކަމެއްނޫނެވެ. ތިބާ އެކަންބޭނުންނަމަ މަރުހަބާއެވެ.
އެތަޖުރިބާ ހުރި ބޭފުޅުން ބުނަނީ މިޙަޔާތަކީ އަންނަށް އޮތް އުޚުރަވީ ޙަޔާތަށް ތައްޔާރުވުމުގެ ވަގުތުތައްކަމުގައެވެ. މިޙަޔާތުގައި ބުރަކޮށް އުޅެ އުޚުރަވީ ޙަޔާތް ބާއްޖަވެރި ކުރުމެވެ. ފޫހިކަމެއްނެތި ﷲއަށް އަޅުކަން ކުރުމުގެ މަތީހުރެ މަރާބައްދަލުކުރުމެވެ. ދުނިޔޭގެ ޙަޔާތަކީ ފަނާވެދާނެ ޙަޔާތެއްކަންދަނެ ދުނިޔެއަށް ދަހިވެތިވެ ނުތިބުމެވެ. ޒީނަތްތެރިކަމަކީ ތިމާގެ ހިތުގެ ޒީނަތްތެރިކަންކަން ދަންނަޙާލުގައި ދުނިޔޭގައި ހޭދަކުރުމެވެ. މި ދުނިޔޭގެ ދަތުރުވެރިޔެއްގެ ގޮތުގައި އުޅުމެވެ. ދުނިޔޭގެ ޙަޔާތަކީ އާޚިރަތާ އަޅާބަލާއިރު އެއްވެސް ތަނެއްނޫންކަން ދަންނަހާލުގައި ތިބުމެވެ. މިކަންކަން އަހަރެމެންގެ ހިތުން ކެހުނަނުދޭށެވެ. މި އިމޭޖު އަހަރެމެންގެ ހިތުގައި އަބަދުވެސް ބަހައްޓާށެވެ. މިޙަޔާތުގައި ދިމާވާ ދަތިޙާލަތް ތަކުގަޔާއި އުފާވެރި ޙާލަތްތަކުގައި މީހާގެ ވިސްނުން ގެންގުޅެންވީ އެހުރިހާކަމަކީ ވެސް އިމްތިޙާނުކަމާ އެކަންކަމުގައި ވެސް ﷲ ގެ ރުހުން ލިބިގަނެވޭތޯބެލުމުވެ. ހިތާމައިގެ ވަގުތުތަކުގަޔާއި ފޫހިކަމުގެ ވަގުތުތަކުގައި ވެސް ﷲ ހަދުމަކުރުމުން ތިމާގެ ހިތަށް ފިނިކަން ލިބުމާއެކު ހިތްހަމަޖެހިގެން ދެއެވެ. މިގޮތުން ތިމާގެ ޙަޔާތާމެދު ދެކޭގޮތް ބަދަލުކުރުމުން ފޫހިވެގެން މާޔޫސް ވެގެން އުޅޭކަށް ނުޖެހޭނެއެވެ.
ދަތި އުދަގޫކަމާ ބައްދަލުވުމަށްފަހު ދެންބައްދަލުވާނީ ލުއިފަސޭހަކާމާއެވެ. ދަތިތަކާތިމާ ކުރިމަތިލާގޮތް ބަދަލުކުރާށެވެ. ތިމާގެ ވިސްނުން ކޮންޓުރޯލުނުކޮށް ދިމާވާ މައްސަލަތަކާ ކުރިމަތިލައިފިނަމަ އިތުރަށް މައްސަލަ ގޯސްވެދާނެއެވެ. އެދަތިތަކަށް ކެތްކުރާށެވެ. ﷲ އީ ކެތްތެރީންނަށް ހިސާބެއްނެތި ސަވާބު ދެއްވާރަސްކަލާނގެއެވެ.
އަހަރެމެންނަށް އުފާރިކަން ލިބިގަތުމަށް އަހަރެމެންގެ ޢަމަލުތައް ﷲ ރުއްސަވާ މަގަށް ސީދާކުރުމުން އެކަން އަހަރެމެންނަށް ހާސިލުކުރެވޭނެއެވެ. ތިމާގެ ޢަމަލުތައް އެގޮތަށް ކޮންޓުރޯލުކުރާށެވެ. އުންމީދާ ޖޯޝާއިއެކު ދުނިޔޭގެ ޙަޔާތަށް ކުރިމަތިލާށެވެ. މާޔޫސްކަމަކީ އަހަރެމެން އަމިއްލައަށް ލިބިގަންނަ ކަމެކެވެ. އަހަރެމެންގެ ނަފްސު ކޮންޓުރޯލުކޮށް މާޔޫސްކަމާއި ފޫހިކަމާއި އުންމީދުކެޑުމާއި ހަނގުރާމަ ކުރަމާ ހިނގާށެވެ. މާޔޫސްކަމާއި އުންމީދުގެއްލިފައިވާ ލިޔުންތައް ނުކިޔާށެވެ. ތިމާ އަމިއްލައަށް ތިމާގެ ހިތް މަރާނުލާށެވެ. ﷲ ހަނދުމަކުރުމުން ތިމާގެ ހިތަށް ދިރުން ދޭށެވެ. އުފާވެރި ހިތަށް ދިރުންލިބޭކަހަލަ ލިޔުންތައް ކިޔާށެވެ. ދުނިޔޭގައި ފޫހިކަމެއްނެތި ﷲ އަޅުވެތިވި ބޭފުޅުންގެ ޙަޔާތުގެ ވާހަކަތައް ކިޔާށެވެ.
އަހަރެމެން ކޮންމެދުވަހެއް ފަށާއިރު އެދުވަހަކީ އުފާވެރި ދުވަހަކަށް ހެދުމަށް ނުއެދެނީ ކީއްވެތޯއެވެ. އެދުވަހުގެ ހެދުނު އިރު އަރައިގެން އަންނަގޮތް ބަލާލަން ދާށެވެ. މިހަލަބޮލި ދުނިޔޭން އެއްކިބާ ވެލުމަށްޓަކައި އަތިރިމައްޗަށް ދާށެވެ. ފަތިހުގެ ހިތްގައިމުކަން ލިބިގަންނާށެވެ. ފަތިހުގެ ހިތްގައިމު ވައިރޯޅިތަކުގެ ފިނިކަން ލިބިގަންނާށެވެ. އެވައިރޯޅިތަކާއި އެކު ރުއްތަކުގެ ފަންތަކާއި ގަސްތަކުގެ ފަތްތައް އުފާކުރާގޮތް ބަލާލަބަލާށެވެ. ރާޅުތަކުގެ ގުދުރަތީ އަޑުތައް އަހާލަބަލާށެވެ. އުޑުމައްޗަށް އަރަމުން އެދާ ކުލަތަކާއިމެދު ތިބާ ބުނަނީ ކީކޭތޯއެވެ. ދާދި ދެއްމެއަކު ކަޅު އަދިރިކޮށް އޮތް އުޑުމަތި ގަދަ ނޫކުލައިން ވައިލެޓު ކުލައަށް އެއަށްފަހު ރަންކުލައަށް ބަދަލުވެގެން ދަނީއެވެ. އެރަންކުލަ ބަދަލުވަމުން އެދަނީ މަޑުރީދޫކުލައަށެވެ. ދުނިޔެ މަށްޗަށް އަލިކުރުމަށާއި އެހެނިހެން ފައިދާތަކާއެކު އެހެންދުވަހަކަށް އިރު އަރައިގެން އަންނަނީއެވެ. މާނައިން ފުރިގެން ވާ މެސެޖުތަކެއްދެމުންނެވެ. ރޭގަނޑުގެ އަދިރިކަންވެސް އަބަދަކު ދެމި ނުއޮންނާނެކަން ބަޔާންކޮށްދެނީއެވެ. ދަތި އުނދަގޫކަންވެސް އަބަދު ދެމިނުއޮންނާނެކަން ބުނެދެނީއެވެ. ﷲ ގެ ކުޅަދުންވަންތަކަމާއެވެ. މިފަދަކަންކާމެދު ވިސްނާ ތިބާގެ ވިސްނުން އެކަމުގައި މަޝްޣޫލުކުރުވާށެވެ. ތިބާއަށް ދިމާވެފައިވާ މައްސަލަތަކުގެ މަންޒަރުތައް ވިސްނުމުން އެކީ ބޭރުކޮށްލާށެވެ. އެއިލާހު ތިބާއަށް ނުއުފުއްލެވޭވަރުގެ ބުރައެއްނުޖައްސަވާނެއެވެ. ދަތިކަންކަމުގެ ސަބަބުން އަހަރެމެންގެ ފާފަތައް ފުހެވިގެންދަނީއެވެ. މުސްތަޤުބަލުގައި ތިބާއަށް ދިމާވެދާނެ ކަންކަމާމެދު ފިކުރު ބޮޑު ނުކުރާށެވެ. އަދި މުސްތަޤުބަލެއް އަހަރެމެންނާ ބައްދަލެއް ނުކުރެއެއް ނޫން ހެއްޔެވެ؟ މުސްތަޤުބަލުގައި ވާނެ ކަންކަން ވެސް އެންމެމޮޅަށް ދެނެވޮޑިގެންވާނީ އެއިލާހެވެ. އެ އިލާހު އިރާދަ ނުކުރައްވާ ކަމެއްވާނެތޯއެވެ؟ އަދި އިރާދަކުރެއްވިކަމެއް ނުވެ ހުއްނާނެތޯއެވެ؟ މުސްތަޤްބަލު ރަނގަޅު ކޮށްދިނުމަށްއެދި އެކަންކަންކަމުގެ ޙަޤީޤީ މިލްކުވެރި އިލާހަށް ދުއާ ކުރާށެވެ. އުމުރުން ފާއިތުވެ ގޮސްފައިވާ ކަންކަމާ މެދު ދެރަވެ ހިތާމަނުކުރާށެވެ. ފާފަކުރެވިފައިވާ ނަމަ އަވަހަށް ތައުބާވެ އެހިލާހުގެ މަގަށް ރުޖޫޢަވާށެވެ. ތިބާގެ ޢަމަލުތަށް މިހާރުންމިހާރަށް ސީދާކުރެވޭތޯ މަސައްކަތްކުރާށެވެ.
ތިބާ މިހާރު ތިހުރި މާނައިން ފުރިގެންވާ މަންޒަރުގެ ބައިވެރިންނާއެކު މިދުޢާ ކިޔާށެވެ. "أَصْبَحْناَ وَأَصْبَحَ الْمُلْكُ لِلَّهِ رَبِّ الْعاَلَمِيْنَ، اَللَّهُمَّ إِنِّيْ أَسْأَلُكَ خَيْرَ هٰذَا الْيَوْمِ: فَتْحَهُ, وَنَصْرَهُ، وَنُوْرَهُ, وَبَرَكَتَهُ, وَهُدَاهُ, وَأَعُوْذُ بِكَ مِنْ شَرِّ ماَ فِيْهِ وَشَرِّ ماَ بَعْدَهُ" "އަޅަމެން ހެނދުންކޮށްފީމުއެވެ. އަދި އެންމެހައި ވެރިކަމެއް ޢާލަމްތަކުގެވެރި ﷲއަށްޓަކައި ހެނދުންކޮށްފިއެވެ. (ނުވަތަ އެންމެހައި ވެރިކަމެއް ޢާލަމްތަކުގެވެރި ﷲއަށް މިލްކުވެއްޖެއެވެ.) އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން މިއަޅާ އިބަﷲގެ ޙަޟްރަތުން މިދުވަހުގެ ހެޔޮކަންދެއްވުމަށް އެދިދަންނަވަމެވެ. އެބަހީ މިދުވަހުގެ ފަތަޙައާއި، މިދުވަހުގެ ނަޞްރާއި، މިދުވަހުގެ ނޫރާއި، މިދުވަހުގެ ބަރަކާތާއި އަދި މިދުވަހުގެ ހިދާޔަތެވެ. އަދި މިއަޅާ އިބަﷲގެ ޙަޟްރަތުން މިދުވަހުގައިވާ ނުބައިކަމުންނާއި މިއަދަށްފަހުގައިވާ ނުބައިކަމުން ރައްކާތެރިކޮށްދެއްވުމަށް އެދިދަންނަވަމެވެ." އަދިވެސް އިތުރު ހެނދުނާ ހަވީރުގެ ދުޢާތައް ކިޔާށެވެ.
އެނބުރިގެއަށް އަންނާށެވެ. މިފެންނަނީ ތިބާއަށް މުޅިން އަލަށް ފެންނަ އެއްޗެހިކަމަށް ބަލާށެވެ. ކުރިމަތީގައި އެ ހުރި ގަހަށް ބަލާލަބަލާށެވެ. އެގަސް ހެދި ބޮޑުވެފަ އެހުރީ ކިތައް ދުވަހުންހެއްޔެވެ؟ އެގަސް ހެދިބޮޑުވިގޮތް އަހަރެމެން ހައިރާން ނުކުރުވީ ކީއްވެހެއްޔެވެ؟ ހަމަޔަޤީނުންވެސް ގަހެއްހެދިބޮޑުވަނީ ވަރަށް އަޖައިބު ކުރަނިވިގޮތަކަށެވެ. ތިބާއަށް އަބަދުވެސް ގަސްގަހާގެހި ފެންނާތީވެ އެކަން އެހާ ހައިރާންކުރަނިވި ކަމަކަށް ނުވީއެވެ. އަހަރެމެންނަށް އެކަން އާދައަކަށްވެފައިވަނީއެވެ. ތިބާ އަށް އެފެނުނު ގަސް އެއީ އަލަށްފެނުނު އެއްޗެއްކަމަށް ވެއްޖެނަމަ ތިބާގެ ހިތަށް އަރާނީ ކީކޭހެއްޔެވެ؟ ނުވަތަ އެގަސް ތިބާ ބަލަން ހުއްޓާ އެގަހުގެ ގޮފިތައްފަޅާ ފަތްތައް ނުކުމެ މާތައް އަޅާ އެމާތައް ފޮޅިއްޖެ ނަމަ ހައިރާން ނުވާނެހެއްޔެވެ؟ އެކަމަކު ގަސް އެވަރަށް ބޮޑުވުމަށް ދުވަސްތަކެއްނެގިއެވެ. އެގަހަށް އައިބަދަލުތައް ލަސްކަމުން އަހަރެމެންނަށް އެކަން ފާހަގަ ނުކުރެވުނީއެވެ. ތިބާ އަށް މިހާރު އެފެންނަނީ މުޅިންއަލަށް ފެންނަ މީހުންނެވެ. ތިބާ އަމިއްލައަށް މިކަންތަޖުރިބާކުރާށެވެ. މިގޮތަށް ތަސައްވަރުކުރުމަކީ ވަރަށްފައިދާބޮޑުކަމެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ. " އަބަދުވެސް ތިބާގެ ދަށުގައިވާ ފަރާތްތަކަށް ބަލާށެވެ. އަދި ތިބާގެ މަތީގައިވާ މީހާއަށް ނުބަލާށެވެ. އޭރުން ﷲ ސުބުޙާނަހޫ ވަތަޢާލާ ތިބާއަށް ދެއްވައިފާ ނިޢުމަތްތަކުގެ އަގު ވަޒަންކުރެވޭނެއެވެ." އަދިވެސް އެހެން ޙަދީޘެއްގެ މާނާގައި ވެއެވެ. "މުއުމިނު އެއްވެސް ފިރިހެނަކު، މުއުމިނު އެއްވެސް އަންހެނަކަށް ނަފުރަތު ނުކުރާނެއެވެ. އެ އަންހެނާގެ ސިފަޔަކާ ނުރުހިއްޖެނަމަ، އޭނާގެ ހުރި ރަނގަޅު އެހެން ސިފަޔަކާ ރުހޭނެތެވެ."

ﷲ ތިބާއަށްދެއްވި ނިޢުމަތްތައް ދެނެގަންނާށެވެ. އެ ނިޢުމަތްތަކަށް ފުދިގެންވާ ހާލުގައި ހުންނާށެވެ. އަދި ﷲ އިރާދަކުރެއްވި ކަމެއްވާނެކަން ހިތުގައި އަބަދުވެސް ބާއްވާށެވެ. ތިބާގެ ވިސްނުން މިހެން ގެންގުޅޭށެވެ. އަހަރެންގެ ރައްޓެއްސަކާއެކު ސައިބޯންތިބީ އާހާބަރުގައި ހުރި ހޮޓަލެއްގައެވެ. ކުޑަކޮށް ވާހަކަ ދައްކާލުމުގެ ގޮތުންނެވެ. އެދުވަހު އަހަރެންގެ ރަހުމަތްތެރިޔާ ވަރަށް ވަރުގަދަ ސުވާލެއްކުރިއެވެ. އޭނައަށް އަބަދުވެސް އަންހެންކުދިންނާ ދިމާއަށް ބެލެނީއެވެ. މިކަމަކީ ވަރަށް ގިނަ މީހުންނަށް ޖެހިފައިވާބައްޔެކެވެ. މިކަމުގައި އެންމެ ފުރަތަމަވެސް ވިސްނަންވީ އެކަމަކީ ﷲ ނުރުއްސަވާ އަދި އެއިލާހު ހަރާމްކުރެއްވި ކަމެއްކަމެވެ. ތިބާއަށް ތިޔަ ނުކިޔަމަންތެރިވެވޭ ފަރާތުގެ މަތިވެރިކަން ހިތަށް ގެނެސްގަންނާށެވެ. ﷲ އަށް ތަޤުވާވެރިވެ ފުރަތަމަ ހިތްވަރާއެކު ތިބާގެ ބެލުން ތިރިކުރާށެވެ. ތިބާގެ ހިތް އެފަދަ މަންޒަރުތައް ބަލައި ކަނު އެއްޗަކަށް ނުހަދާށެވެ. ތިބާގެ ހިތުގެ އަލިކަން ގެއްލުވައިނުލާށެވެ. ފަހަރެއްގައި ފުރަތަމަފެނުނު އަންހެން ކުއްޖާއަކީ ތިބާގެ އަންހެނުންނަށް ވުރެ ރީތި ކުއްޖަކަށް ވެގެން ތިބާގެ ފިކުރުތައް އެދިމާއަށް ދަނީނަމަ ވަގުތުން ތިބާގެ ވިސްނުމުގެ މައްޗަށް ބާރުފޯރުވާށެވެ. ބުނާށެވެ. އަހަރެންގެ އަންހެނުންނަނީ އަހަރެންނަށް އެންމެ އެކަށީގެންވާ އަހަރެންދެކެ ލޯބިވާ މިހާއެވެ. އަހަރެންނަށް އޯގާތެރިކަމާއެކު ރަޙްމުކުރާ މީހާއެވެ. އަނބިމީހާ ކޮށްދީފައިވާ ނުވަތަ އަނބިމީހާގެ ގައިގައި ހުރި ރަނގަޅުސިފަތަކާމެދު ވިސްނާށެވެ. އެއީ ތިބާގެ ލޯބިވާ ދަރީންގެ މަންމައެވެ. ﷲ ތިބާއަށް ދެއްވެވި ތިބާދެކެ ލޯބިވާ އަނބިމީހާއެވެ. އެއިލާހުގެ މި އަގުބޮޑު ހަދިޔާގެ އަގު ވަޒަންކުރާށެވެ. ތިމާގެ ހިތް އެހަދިޔާގެ ސަބަބުން ފުރިގެންވާހާލުގައި ހުންނާށެވެ. އަދި ތިބާ ސާބިތުކޮށްދެއްވާތޯ ﷲ އަށް ދުޢާކުރާށެވެ.
ތިބާ މިހާރު ތިޔަ ދަނީ ގެއަށެވެ. މަގުތަކުގެ ދެފަރާތުގައި ހެދިފައިވާ އިމާރާތްތަކަށް ބަލާލާށެވެ. ފަންނީ މީހުންގެ މޮޅުކަން ހިތްމަށްޗަށް ގެންނާށެވެ. ތިބާ އަޖާއިބު ނުވޭތޯއެވެ. އެމީހުންގެ ބުރަމަސައްކަތުގެ އަގު ވަޒަންކުރާށެވެ. ހިނގާފައި ތިޔަދެވެނީ ތިބާގެ ލޯބިވާ ދަރީންނާއި ތިބާއަށް ކާމިޔާބުލިބުމުގައި އެހީވަމުން ދާ ތިބާދެކެ ލޯބިވާ އަނބިމީހާ ގެ ކަރިއަށެވެ. އަނބިމީހާގެ ފަރާތުން ފެނިފައިވާ ކުށްތަކަށް މާފުކޮށް ފެނިފައިވާ ރަނގަޅުސިފަތައް ފާހަގަކުރާށެވެ. އެކަމަށް ޝުކުރުކުރާށެވެ. ތިބާގެ ގޭތެރޭން ރުޅީގެ ވައިރަސްތައް ބޭރުކޮށް ގޭތެރެސާފުކުރާށެވެ. ތިބާގެ ގޭތެރޭގެ ފުރަތަމަ ޤާނޫނުގެ ފުރަތަމަ ބާބަކީ ﷲ ރުއްސަވާމަގު ހޯދުން ކަމުގައި ހަދާށެވެ.
ފޯނު ރިންގުވާން ފެށުމުން އަހަރެންގެ ފޯނުނެގީމެވެ. އަހަރެންގެ ރައްޓެއްސަކު ވަރަށް ހާސްވެފައި ބުންޏެވެ. "ރައްޓެއްސަކު އޭނާ ރައްޓެހިވެގެން އުޅުނު އަންހެންކުއްޖާ ރުޅިވެގެން އެކަމާ ބޯގޮވާގެން އަމިއްލައަށް މަރުވާން އުޅެނީއެވެ. އަވަހަށް އޭނައާ ވާހަކަދައްކާލަން އާދެވިދާނެތޯއެވެ. އަހަރެމެން މިތިބީ އަހަރެމެން އާންމުކޮށް ދާ ކެފޭގައެވެ." އަހަރެންގެ ހުރިހާ ޕްރޮގުރާމުތައް ހުއްޓާލާފައި ދިޔައީމެވެ. އަހަރެންގެ ރަހުމަތްތެރިޔާ އިނީ ޒުވާން ފުރައިގެ ކުއްޖަކާއެކީގައެވެ. މާޔޫސްކަން އޭނާގެ މޫނުމަތިން ބަލާލި ކޮންމެމީހަކަށްވެސް ފެންނާނެއެވެ. އަހަރެންގެ ރަހުމަތްތެރިޔާ ދެމީހުންވެސް ތައާރަފްކޮށް ދިނެވެ. އެޒުވާން ކުއްޖާއަކީ މަސްތުވާތަކެތީގެ ބޭނުންވެސް ކުރާ ކުއްޖެކެވެ. އޭނައަށް ﷲ މި ދުނިޔޭގައި އުޅުމުގެ ފުރުޞަތުދެއްވީއެވެ. އަލުން އެހެން ޙަޔާތަކަށް އައުމުގެ ފުރުސަތެވެ. ދާދި ދެންމެއަކު ކޮޓަރިތަޅުލައި އަމިއްލަކަރުގައި މަޅިގަނޑު އަޅުވަނިކޮށް، ގޭ މީހުން ދޮރުގައި ޓަކިދިނުމުން، މިކުރެވޭ ކަންތަކާމެދު ވިސްނުމުގެ ފުރުސަތު ﷲ ދެއްވެވީއެވެ. އަހަރެން އެޒުވާނާއަށް ވިސްނައިދެވޭތޯ އުޅުނީ އޭނާގެ ޙަޔާތުގެ ހަޤީޤީ މަޤްސަދެވެ. މި ގޮތަށް ﷲ އާ ދޭތެރޭ ރަނގަޅަށް ވިސްނުމަށާއި ތިމާގެ ނަފްސު ދެރަނުކުރުމަށާއި އިސްލާމުދީނުގައި ވާގޮތަށް ތިމާގެ ޙަޔާތުގެ ފުރަތަމަ މަޤްސަދަކީ ﷲ ގެ ރުހިވޮޑިގަތުން ހޯދުން ކަމަށާއި މިފަދަ އެތައްވާހަކައެއް ދެއްކީމެވެ. ކޮފީގައި ވަރަށް ގިނަވަގުތު ހޭދަވިއެވެ. އަހަރެންގެ ރަހުމަތްތެރިޔާއަށް އެޒުވާނާ އެކަނި ދޫކޮށްނުލުމަށް ބުނެ އަހަރެން ގެއަށް ދިޔައީމެވެ. ޙަމްދާއި ޝުކުރުހުރީ ﷲ އަށެވެ. އެޒުވާނާ އަކީ މިހާރު ނަމާދު ބަރާބަރަށް ކުރާ ރަނގަޅު ސާލިހުކުއްޖެކެވެ. ދަމުނަމާދުވެސް ކުރަމުންދެއެވެ. އޭނާގެ މިހާރުގެ މަޤްސަދަކީ އަންނަން އޮތް ދާއިމި ހަޔާތް ބާއްޖަވެރިކުރުމެވެ. މިފަދަ ހާލުގައިޖެހިފައިވާ ވަރަށްގިނަ މީހުންނާއި ބައްދަލުކޮށްވާހަކަ ދައްކާ އެމީހުންނަށް ހިތްވަރު ދިނުމަކީ އަހަރެން ވަރަށް ކުރާހިތުން ކުރާކަމެކެވެ. އަހެރެން އޭގެން ކޮންމެ މީހެއްގެކައިރީގައި ވެސް ބުނަމެވެ. ޤުރްއާން ތަރުޖަމާ ބަލައި އޭގައިވާ ﷲ ގެ އާޔަތްތަކާމެދު ވިސްނާށެވެ. އޭރުން ތިބާގެ ހިތްހަމަޖެގެންދާނެއެވެ. ތިބާ ގެ ހިތް އޭރުން އެދަތުރުކުރަނީ އުފާވެރި މީހުންގެ ޙަޔާތާ ދީމާ އަށެވެ. ތިބާއަށް ލިބޭ ހުސްވަގުތުތަކުގައި ﷲގެ ދީން އުގެނުމުގެ ގޮތުން ދީނީ ކޮންމެވެސް ފޮތެއްކިޔާލުމަކީވެސް ވަރަށް ފައިދާ ބޮޑު ކަމެކެވެ.
އަހަރެންގެ ރައްޓެއްސަކު ކައިވެނިކުރާތީވެ އޭނަގެ ކޮޓަރީގައި ބަހައްޓަންވެގެން ކުރެހުމެއް ކުރެހީމެވެ. އޭނާބުނެގެން އަހަރެން އެމަންޒަރުގައި ލިޔެދިނީ މިއާޔަތެވެ. ތިބާވެސް މި އާޔަތާމެދު މިލިޔުމާއި ވަކިވުމުގެ ކުރިން ވިސްނާލައްޗެވެ.

مَنْ عَمِلَ صَالِحًا مِنْ ذَكَرٍ أَوْ أُنْثَى وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً وَلَنَجْزِيَنَّهُمْ أَجْرَهُمْ بِأَحْسَنِ مَا كَانُوا يَعْمَلُونَ سورة النحل 97

މުއުމިނަކު ކަމުގައިވާ ޙާލު، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، ޞާލިޙް ޢަމަލެއް ކޮށްފިމީހާ (ދަންނާށެވެ.!) ފަހެ ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާ ހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން ޢަމަލުކޮށް އުޅުނު އެންމެ ހޮޔޮގޮގުގެ ދަރުމައިން، އެއުރެންނަށް ތިމަންރަސްކަލާނގެ ޖަޒާ ދެއްވާ ހުށީމެވެ.




Comments

  1. Varah asaru gadha Liyunmeh. ALLAAH thiba ah heyo jaza dhevvaashi! Aameen.

    ReplyDelete
  2. Jazaakallah khairan Brother

    ReplyDelete

Post a Comment

Popular posts from this blog

ޕިއްލޭގެ ޤައުމީ ފުޓްބޯޅަޓީމ

Revealed: Employee and manager at centre of salacious resignation email that accused them of having sex in the office

ދީބް ބައި ޔަހޫދީ.. 2172 ވަނަ އަހަރު މާލޭގެ މަގެއްމަތިން މުސްކުޅިއަކާއި ހުވަފެނުގައި ޖިބުއެ ބައްދަލުވުން