ނަފްސު ހޭލައްވާށެވެ

ނަފްސު ހޭލައްވާށެވެ.
މުޙައްމަދު ސިރުޙާން
ޙަޔާތުގައި ދިމާވާ ތަފާތުކަންކަމުގެ ވާހަކަ ދައްކާލައި، އެކިއެކި ޚިޔާލުކޮށްލަން ކޮފީބޯން ދިޔުމަކީ މިހާރު ވަރަށް ޢާންމުކަމެކެވެ. އަހަރެންނަށްވެސް މިކަހަލަ ވަރަށް ގިނަ ދަޢުވަތުތައް ލިބެއެވެ. މިހެން ކޮފީބޯން ތިބޭއިރު އަހަރެން އަބަދުވެސް ބަލަނީ އަހަރެން ހެއްދެވިފަރާތް ރުހިވޮޑިގެންވާ ކަހަލަ ވާހަކަދެއްކޭތޯއެވެ. އަހަރެންނަކީ އީމާންކަން މަތީ ދެމިހުރެވޭތޯ މަސައްކަތްކުރާ މީހެއްކަމުން އީމާންކަން ވަރުގަދަވާ ކަހަލަ ވާހަކައާއި އެކަމާ ގުޅުންހުރި ވާހަކަދެއްކުމަކީ އަހަރެންގެ އާދައެކެވެ. އީމާން ކަމުގެ ޙަޔާތަކީ ހާދައުފާވެރި ޙަޔާތެކެވެ.

ކޮންމެ އިންސާނަކުވެސް ދުނިޔޭގެ ޙަޔާތަށް އަންނަނީ ފިޠުރަތުގެ މަތީގައެވެ. މިޙަޔާތުގައި ދަތުރުކުރާ ކުނިބުނިން ޠާހިރުވެގެން ވާޙާލުގައެވެ. އީމާންކަމުގެ ޙަޤީޤަތް އެންމެ ބޮޑަށް އެނގިވަޑައިގެންނެވި، އެއީމާންކަން އެންމެ ރަގަޅަށް ޕުރެކްޓިސް ކުރެއްވި ފަރާތުން އަހަރެމެންނަށް މިކަން ބަޔާންކޮށްދެއްވާފައިވެއެވެ. މި ދުނިޔަވީ ޙަޔާތުގެ ވަގުތުތައް ހޭދަކުރަމުން ދާއިރު ތަފާތު ބަސްތައް އަހަރެމެން އަޑުއަހަމެވެ. ތަފާތު މީސްމީހުންނާ ބައްދަލުކުރަމެވެ. ތަފާތު ތަންތަނަށް ބަލަމެވެ. ކުރުކޮށް ފޮނިކޮށް ބުނަނީނަމަ ތަފާތު މެސެޖުތައް އަހަރެމެން ރިސީވް ކުރަމެވެ. މި ރިސީވްކުރާ މެސެޖްތައް އަހަރެމެންނަށް ނޭނގި އަހަރެމެންގެ ޙަޔާތް ބައްޓަން ކުރަމުންދެއެވެ. މިކަމުގެ އަސަރު އެކިމީހުންނަށް ކޮށްފައިހުންނަނީ އެކި މިންވަރަށެވެ. މިއަސަރުތަކަކީ ތިމާގެ ކާމިޔާބުކަމުގައިވެސް ވެދާނެއެވެ. ނުވަތަ ނާކާމިޔާބުކަމުގައިވެސް ވެދާނެއެވެ. އެކަމަކު އަހަރެމެންނަށް މިގޮތުން ކޮށްފައިވާ އަސަރުތައް ދެނެގަނެ ޙައްޤުގެ މަގަށް ރުޖޫޢަވުމުގެ ބާރު އަހަރެމެންގެ އިލާހު އަހަރެމެންނަށް ދެއްވަވާފައި ވެއެވެ. އެއިލާހު ގެ ވަޙީބަސްފުޅުގައި އަންގަވާފައި ވަނީ އިންސާނާ ހެއްދެވިގެންވަނީ އެންމެ ފުރިހަމަ ގޮތުގައިކަމަށެވެ. އެއިލާހަކީ ހުރިހާކަމަކަށްމެ ކުޅަދުންވަންތަ އިލާހެވެ. އެއިލާހު އިރާދަކުރައްވައިފިކަމަކީ އެއްވެސް ފަރާތަކަށް މަނާކުރެވޭނެ ކަމެއްނޫނެވެ. އެއި އެންމެއޯގާވަންތަ އިލާހެވެ. ފާފަތަކުން ފޯވެފައިވާފަރާތްތަކަށް ބުނަމެވެ. އެއިލާހަށް ރުޖޫޢަވާށެވެ. އެއިލާހުގެ މަތީން އުންމީދު ކަނޑާނުލާށެވެ. ފާފަތަކުގެ މަގުން ތިބާގެ ވެރި އިލާހު ލޯބިވެވޮޑިގެންވާމަގަށް ފުރަތަމަ ފިޔަވަޅު ވަގުތުން އަޅާށެވެ. އެއަށްފަހު ފަސްއެނބުރި ނުބަލާށެވެ. ތިބާ ޤަބޫލުކޮށްފައިވާ ނިކަމެތި ވިސްނުން ތަކުގެ ގޮށްތައްމޮހާލާށެވެ. އެ ހިލިހިލާތަކުން ސަލާމަތްވާށެވެ. ﷲ އީ ކޮންމެކަމަކަށް ކުޅަދުންވަންތަ އިލާހުކަމަށް ޤަބޫލުކޮށް އެއީމާންކަމުގެ މަތީގައި ދުނިޔޭގެ ޙަޔާތަށް އުދުއްސައިގަންނާށެވެ. ނިކަމެތި ބަލި ވިސްނުންތަކަށް ތިބާގެ ހިތުން ޖާގަނުދޭށެވެ. ދުނިޔެއަށް ތިބާ އައީ ދެރަވެ ނިކަމަތިވެ ގެއްލިހަލާކުވާކަށްނޫނެވެ. ކާމިޔާބުގެ މަތީގައި ދުނިޔޭގައި އުޅެ އެކާމިޔާބުކަމުގެ މައްޗަށް އާޚިރަތުގެ ކާމިޔާބުކަން ހޯދުމަށްޓަކައެވެ. ﷲ އިރާދަކުރެއްވިއްޔާ ތިބާއަކީ އެފަދަ ފަރާތަކަށްވުމަށް އަހަރެންދުޢާކުރަމެވެ. އާމީން.
ތިބާގެ ގައިގައި ﷲ މިފަދަ ބާރުތައްލެއްވެވިކަން ޤަބޫލެއްނުކުރަމުތޯއެވެ.
އެއްދުވަހަކު ކުއްޖަކު އޭނާގެ ބައްޕަގެ ކުކުޅު ކޮށި ކައިރީގައި ހުރި ފަރުބަދައަކަށް އަރާ އުޅެނިކޮން ބާޒެއްގެ ބިހެއްފެނުނެވެ. އެ ހިފައިގެންއައިސް ކުކުޅުކޮށީގައި ހުރި ކުކުޅުބިސް ހާއްޔެއްގެ ތެރެއަށްލިއެއެވެ. ފިޔޮއްތައް ވިހޭއިރު ކުޑަކުޑަބާޒެއްވެސް ވިހައިފިއެވެ. އެބާޒު އުޅެމުން ދިޔައީ އެފިޔޮއްތަކުގެ ތެރޭގައެވެ. އެސޮރަށް ޤަބޫލުކުރެވިފައި ވަނީ އެސޮރަކީވެސް ފިޔޮކެއްކަމަށެވެ. އެސޮރުގެ ޙަޔާތް އެގޮތުގައި ހޭދަކުރަމުންދިޔައެވެ. އެއްދުވަހަކު އެސޮރަށް ޖައްވުގެ ތެރެއިން އެސޮރުކަހަލަ ބާޒެއް އުދުހިފައިދަނިކޮށް ފެނުނެވެ. އެސޮރު ހިތަށް އެރިއެވެ. އަހަރެންނަކީ އެކަހަލަ ދޫންޏަކީމެވެ. އަހަރެންނަށްވެސް އެހާ މަތީން އުދުހެވޭނެއެވެ. އަހަރެން މި ކުކުޅުތަކުގެ ތެރޭގައި މިއިންނަނީ ކީއްކުރަންހެއްޔެވެ؟ އަހަރެންގެ ގައިގާވެސް އެފަދަ ބާރުތައް ހުންނާނެއެވެ. އެސޮރަށް އެސޮރުގެ ނަފްސު ރަނގަޅަށް ފެނުނީއެވެ. ޙަޤީޤީ ބާޒެއްގެ ވިސްނުންއައީއެވެ. އުދުހެވޭތޯ މަސައްކަތްފެށިއެވެ. މައްޗަށް އަރަމުން އަރަމުންގޮސް ފަރުބަދަތަކުގެ މައްޗަށް އަރައިގެން ހިގައްޖެއެވެ. ތިބާވެސް އެފަދަ ބާޒަކަށް ވާށެވެ. މީހުން ތިބާއަށް ވިސްނަދީފައިވާގޮތް ރަނގަޅަށް ބަލާށެވެ. ފަހަރެއްގައި އެއީ ތިބާގެ ނާކާމިޔާބާ ގުޅިފައިވާ ކަމަކަށްވެސް ވެދާނެއެވެ.
އެއްދުވަހަކު ޓީޗަރަކު ކުލާހަށް އައިސް މަތިންދާބޯއްޓެއް ކުރެހުމަށް ކުދީން ކައިރީ ބުންޏެވެ. އެތަނުން ކުއްޖަކު އެހެންކުދިން ކުރަހާތަން ބަލަންފެށުމުން ޓީޗަރު އެކުއްޖާއަށް ބުނީ ކޮޕީނުކުރާށެވެ. އާޓަކީ އެއްޗެހީން އެއްޗެހި ޑިވޮލޮޕްކުރުންކަމެއް ޓީޗަރަށް ނޭނގެނީ ކަންނޭނގެއެވެ. އެކުއްޖާގެ ކުރެހުމުގެ ފަންނު އެހިސާބުން ހުއްޓުނީއެވެ. ތިބާއަށްވެސް މިފަދަގޮތަކަށް ކަންތައްވެފައި ހުރެދާނެއެވެ. މިހާރުން މިހާރަށް ފަންނީ ދިރިއުޅުމަށް މަރުޙަބާއެވެ. ގަނޑަކާއި ފަންސުރެއް ހޯދާ ކުރަހަންފަށާށެވެ. ކުރެހޭނެއެވެ. ފުރަތަމަ އެކަންޤަބޫލުކުރާށެވެ. ﷲ އާ ދޭތެރޭގައި ވާ އީމާންކަން ވަރުގަދަކުރާށެވެ. ދެން ކުރެހުމައިގެން ކުރިޔަށްދާށެވެ. ތިބާގެ މުޅިދިރިއުޅުން ބަދަލުކޮށްލާށެވެ. ކޮންމެދުވަހަކީވެސް ﷲ ރުއްސަވާގޮތުގައި ހޭދަކުރެވޭ ދުވަހަކަށް ހަދާށެވެ. ބަލި ވިސްނުން ނުގެންގުޅޭށެވެ. ކުރެހޭނެއެވެ. ކުރަހާއެއްޗިއްސަށް މީހުން މަލާމަތްކުރިޔަސް ބުނާށެވެ. ކަލެއަށް ހަޑިއަސް މީތި ރީތިވާނެ މީހުންތިބޭނެއެވެ. އާޓަކީ އެއީއެވެ. އާޓު ދަސްކޮށްގެން ފާޑުކިޔަން އަންނާށެވެ. އެމީހުންގެ އެފަދަ ހިތްމަރާލާ ކަހަލަ މެސެޖުތަކުގައި ކޮޅުފައިންޖަހާ ބޭރުކޮށްލާށެވެ. އެ ބަސްތަކަށް ސަމާލުކަން ނުދޭށެވެ.
އުފާވެރި މެސެޖުތައް ޤަބޫލުކުރާށެވެ. އޭގެން އެންމެ މެސެޖަކީވެސްތިބާގެ ކާމިޔާބުކަމުގައިވެދާނެއެވެ.
އެއްދުވަހަކު އަހަރެން ދިވެހި ކިޔަވާކުދީންނާ ބައްދަލުކޮށް ވާހަކަދައްކާލުމުގެ ފުރުސަތެއް ލިބުނެވެ. އަހަރެންގެ މައުޟޫއަކީ "އެއްކުއްޖަކު އަނެއް ކުއްޖެއްގެ ހިތް މަރާނުލުން" މިޔެވެ. އަހަރެން އެދުވަހު އެކުދީންނަށް ޙަޤީޤަތުގައިވެސް ހިނގި ކަމެއްގެ ވާހަކަ ކިޔައިދިނީމެވެ. ވީގޮތަކީ އެއްދުވަހަކު ރާއްޖޭގެ ޢިލްމުވެރިއަކު ޅ.ނައިފަރަށް ދަތުރެއްކުރިއެވެ. އެރަށުގައި އެހެން އުޅުމުގެ ތެރޭގައި ކުޑަކުއްޖަކު ފެނިގެން ޝޭޚު އައިސް އޭނާގެ ބޮލުގައި ފިރުމާލާފައި ބުންޏެވެ. މިކުއްޖާ ﷲ އިރާދަކުރެއްވިއްޔާ މޮޅުކުއްޖަކަށްވާނެއެވެ. އެޝޭޚު ބުނިފަދައިން ކަންތައް ވެގެންދިޔައެވެ. އެކުއްޖާއަކީ މިހާރު ރާއްޖޭގެ މަޝްހޫރު ޝޭޚުންގެތެރޭން އެކަކެވެ. އަހަރެން އެދުވަހު ވާހަކަދައްކާ ނިމިގެން އައިސް އިށިއިނީމެވެ. އަހަރެންގެ ކައިރީ އިނީ އެއްކަލަ މިބުނި ކުއްޖާއެވެ. އޭރު އޭނާ ކަޑައްތުކުރަމުން ދަނީ ފެކަލްޓިއޮފް ޝަރީޢާގެ ފަހު ދުވަސް ކޮޅެވެ. އަހަރެން އައިސް އިށިއިނުމުން އެކުއްޖާ ބުންޏެވެ. އަދިވެސް ސިރޫ އެވާހަކަ ހަނދާން އެބަހުރިދޯއެވެ. އަހަރެމެންނަށް އުފާވެރި ކަމުގެ ޚަބަރުދެއްވި ނަބިއްޔާ އަހަރެމެންނަށްވެސް އެކަކު އަނެއްކަކަށް އުފާވެރިކަމުގެ ބަސްތައް ބުނުމަށް އެންގެވިއެވެ. އެކަކުއަނެއްކަކަށް ހިނިތުންވުމަށް އެންގެވިއެވެ. ހުދު އެކަލޭގެފާނުވެސް އުފާރިބަސްތަކަށް ލޯބިކުރެއްވިއެވެ. ފަހަރެއްގައި މިލިޔުން ކޮޅަކީވެސް ތިބާގެ ކާމިޔާބަށް ހުޅުވާލެވުނު ދޮރަކަށް ވެދާނެއެވެ. އެދޮރުން އަވަހަށް ވަންނާށެވެ. ފާފައިގެ ދޮރުތައް ބަންދުކުރާށެވެ. ފާފައިގެ ދޮރު ތިބާއަށް ހުޅުވައިދެނީ ނުބައި ރައްޓެހީންކަން ދަންނާށެވެ. ކާމިޔާބު އަހުލުވެރީންގެ ދޮރުން ފިޔަވަޅަކަށް ފަހުފިޔަޅެއް އަޅަމުންދާށެވެ. ﷲ އަށް އަބަދުވެސް ދުޢާކުރާށެވެ. އަހެރެންގެ ދުޢާއަކީ ތިބާއަށް ކާމިޔާބު ލިބުމެވެ. މާލޭގައި ޒުވާން އަންހެންކުއްޖަކާ ފިރިހެންކުއްޖަކު ރައްޓެހިވެގެން އުޅުނެވެ. އެދެކުދީން އެހެން އުޅުމުގެ ތެރޭގައި ޤުރްއާން ތަރުޖަމާއެއް ލިބުނެވެ. އެދެކުދީން އެކީ އެތަރުޖަމާ ކިޔަން ފެށިއެވެ. އަދި އެއާޔަތް ތަކާމެދު ވިސްނަންފެށިއެވެ. އެދުވަހުން ފެށިގެން އެދެކުދީންގެ ޙަޔާތް މުޅީން ބަދަލުވެގެން ދިޔައެވެ. މުޅީން އުފާވެރި ޙަޔާތަކަށް އެ ދެކުދީންނަށް ހޭލެވުނެވެ. ފާފައިގެ މަގުން ﷲ ރުއްސަވާމަގަށް ޙަޔާތުގެ ހުންގާނު ދީލާލިއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދެކުދީން ކައިވެނި ކުރިއެވެ. މިހާރު އުޅެމުންދަނީ ވަރަށް އުފާވެރި ދިރިއުޅުމެކެވެ.

Comments

Post a Comment

Popular posts from this blog

'Pastafarian' wins religious freedom right to wear pasta strainer for driving licence

Revealed: Employee and manager at centre of salacious resignation email that accused them of having sex in the office

ޕިއްލޭގެ ޤައުމީ ފުޓްބޯޅަޓީމ