ހުރަހަކީ ކޮބައިހެއްޔެވެ؟

ހުރަހަކީ ކޮބައިހެއްޔެވެ؟
މުޙައްމަދު ސިރުޙާން
ތިބާގެ ލޮލުން މިލިޔުމަށް ބެލުމުގެ ކުރިން ލޯ މަރާލާށެވެ. އަދި ތިބާގެ ނަފްސާ މެދު ވިސްނާލާށެވެ. ތިބާ އެނަފްސުދެކެ ލޯބިވޭހެއްޔެވެ؟ އެނަފްސާމެދު ހިތްހަމަޖެހޭހެއްޔެވެ؟ އެނަފްސަށް އިތުބާރު ކުރަންހެއްޔެވެ؟ ތިބާ އެނަފްސަށް އޯގާތެރިވަންހެއްޔެވެ؟ ތިބާ އެނަފްސަށް އިޙްތިރާމުކުރަންހެއްޔެވެ؟ އެނަފްސާމެދު އުފާވޭހެއްޔެވެ؟ އެނަފްސު މިހާރު އެދަތުރުކުރަނީ ހަޤީޤަތުގައިވެސް އެނަފްސު ދަތުރުކުރަންޖެހޭ ކާމިޔާބުގެ މަގުގައި ހެއްޔެވެ؟ އެނަފްސާމެދު ތިބާކުރާ އުއްމީދަކީ ކޮބައިހެއްޔެވެ؟ މި ދުނިޔޭގައިވެސް އަދި އަންނަން އޮތް ދާއިމީ ޙަޔާތުގައިވެސް އެނަފްސަށް ގެއްލުމެއް ލިބެން ބޭނުންހެއްޔެވެ؟
އަދިވެސް ތިބާ ލޯނުމަރާ ތިޔަދަނީ މިލިޔުން ކިޔަމުންނެވެ؟ އަހަރެންނަށް ބުނެވުނީ ނުބައިކޮށެވެ. ލިޔުން ކިޔާ ނިމުމަށްފަހު އެކަމާ ވިސްނާލާނަންދޯއެވެ؟ ތިބާއަށް އަހަރެން މިކުރިމަތިކުރުވި ސުވާލުތައް މުހިއްމުހެއްޔެވެ؟ ތިބާގެ ނަފްސު ސަލާމަތް ކުރާނީ ތިބާ އަމިއްލައަށެވެ. އެނަފްސު ތެދުމަގުގައި ބަހައްޓަވާތޯ ﷲއަށް ދުޢާކުރާށެވެ. އަދި ކާމިޔާބު ދެއްވާތޯ އެނަފްސު މިކާއިނާތަށް ނެރުއްވި ކުޅަދުންވަންތަ ﷲ އަށް ދުޢާކުރާށެވެ. ދުޢާކުރުމަކީ އަހަރެމެން ވަރަށް ކުރަންބޭނުން ނުވާ ކަމެކެވެ. އެކަމަކު އެއީ ހާދަހާވާ ބާރުގަދަ ހަތިޔާރެކެވެ.

އަހަރެން އެއްދުވަހަކު ކުލާހުން ނިމިގެން ދިވެހި ކިޔަވާކުއްޖަކާއެކު ދިވެހިޙައްޖުވެރީންނާއި ބައްދަލުކޮށްލަން ދިޔައީމެވެ. އަހަރެމެން ޙައްޖުވެރީން މަދީނާގައި ތިބޭ ހޮޓަލުގެ ލޮބީގައި މަޑުކޮށްލައިގެން ތިބީ ދިވެއްސަކާ ބައްދަލުވާނެކަމުގެ އުއްމީދުގައެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މިސްކިތާ ދިމާލުން ދިވެއްސަކު ދައްކާލައިފިއެވެ. އަހަރެންނަށް އޭނާ ފެނުމުން ވަގުތުން އެއީ ދިވެއްސެއްކަން އެނގުނެވެ. ބޮލުގައި އޮތީ ސައުދީ މީހުން އަޅާކަހަލަ ފޮތިގަނޑެއް އޮޅާލާފައެވެ. އެކަމަކު ފައިގައި ފައިވާނެއްނެތެވެ. ހިނގަލާފާ އައިގޮތުން އެއީ އާދައިގެ މީހެއްނޫންކަން އަހަރެންނަށް އެނގުނެވެ. އަހަރެން އޭނާއާ ސަލާމްކޮށްލީމެވެ. ކަންދިމާވި ގޮތަކީ އެޙައްޖުވެރިއާއަކީ އަހަރެންގެ ކައިރީހުރި ކުއްޖާގެ ރައްޓެއްސެކެވެ. އެދެމީހުން ދައްކަމުން ދިޔަވާހަކަ އަހަރެން އަޑުއަހަމުން ދިޔައީމެވެ. ޙައްޖުވެރިއާއަކީ އުމުރުން ދުވަސްވެފަހުރި މީހެއްކަމަކު އެފަހަރު އޯލެވެލްގައި އޭނާގެ ދަރިފުޅާއެކު ބައިވެރިވެ ރަންވަނައެއް ހާސިލުކުރިއެވެ. އޭނައަކީ ޕޮޒިޓިވް ތިންކިންގ ގެންގުޅޭމީހެކެވެ. ގަދައަޅާ މަސައްކަތް ކުރާމީހަކަށް ﷲއިރާދަފުޅުން ކާމިޔާބުވާނެއެވެ. " ވޯކު " ގެ ކުރީގައި " ސަކްސެސް " އޮންނާނީ ހަމައެކަނި ޑިކްޝަނަރީގައެވެ. އޭނާގެ ކޮއްކޮއަކީ ރާއްޖޭގެ މަޝްހޫރު ސުލައިމާނު ސާންޑުއެވެ. ސުލައިމާނުސާންޑާ ބެހޭގޮތުން ބުނި ވާހަކައަކީ އޭނައަކީ ﷲގެ ނަބިއްޔާ ސުލައިމާނުގެފާނުގެ ވާހަކައިން ޢިބުރަތް ހާސިލުކުރާމީހެއްކަމަށެވެ. އަހަރެން ސުލައިމާނުސާންޑުގެ ބޭބެއަށް އަހަރެންގެ އަތުގައި އޮތް ނޯޓުފޮތުގައި ކުރަހާފައި އޮތް މި ސްކެޗުދައްކާލީމެވެ.މި ސްކެޗަށް އޭނާ ވަރަށް ޝައުގުވެރިވިއެވެ. އޭގައި އެބުނަނީ ފުރަތަމަ ތިބާ ގެ ހިތް އެއްލާށެވެ. އޭގެފަހަތުން ތިބާ އަށްދެވޭނެއެވެ. ބިރުނުގަނެ ފުންމާލާށެވެ.
ދިވެހި މި ޙައްޖުވެރިއާގެ މިވާހަކައިން އެނގުނު ގޮތުގައި ކޮންމެހެން ދުވަސް ވުމަކުން ކިޔެވުމަކާ ދުރަށްދާކަށް ނުޖެހެއެވެ. މިހާގެ އުމުރުން ދުވަސް ވިޔަސް ކިޔެވޭނެއެވެ. މިކަމަށް މިއަދުގެ ސައިންސުވެރިންވެސް ހެކިވެއެވެ.
އެއްދުވަހަކު ކުއްޖަކު ރީއްޗަށް ޤުރްއާން ކިޔާހިތުން މީހެއްކައިރީ އަހާލިއެވެ. އަހަރެންނަށް ރީއްޗަށް ޤުރްއާން ކިޔެވިދާނެހެއްޔެވެ؟ ޖަވާބު ގައި ބުނީ ނުކިޔެވޭނެކަމަށެވެ. އެކުއްޖާ އެމީހާ އެބުނި ބުނިބަހުގައި ހިފަހައްޓައިގެން ހުންނަންވީހެއްޔެވެ؟ މިފަދަ މެސެޖުތަށް ލިބިފައިވާ ކިތައް ކުދީން އެކުދީން ބޭނުންވާކަންކަން ނުކޮށްތިބޭނެބާވައެވެ؟ ފަހަރެއްގައި ތިބާވެސް މިފަދަ މެސެޖުތައް ޤަބޫލުކޮށް ތިބާގެ ޙަޤީޤީ ކާމިޔާބާހަމައަށް ނުދެވި ހުރެދާނެއެވެ. އަވަހަށް ތިބާގެ ހިތުން އެ މެސެޖު ފޮހެލާ ތިބާގެ މަގުގައި ކުރިއަށްދާށެވެ.
ތިބާގެ ހިތުގައި އުފެދިގެން އުޅޭ ބިރުވެރިކަމީ ފަހަރެއްގައި ތިބާ ހާސިލުކުރަން އުޅޭ ލަނޑުދަނޑިއަށް ވާސިލުވުމަށް ހުރަސްއަޅާ ކަމަކަށްވެސް ވެދާނެއެވެ.
އެއްދުވަހަކު މީހަކު ބަޔަކާ މުޚާތަބުކޮށް ވާހަކަދައްކަންޖެހިގެން ޕޯޑިއަމްކައިރިޔަށް ގޮސްހުއްޓުނެވެ. ވަރަށް ވަރުގަދަ ބިރުވެރިކަމެއް ހިތުގައި އުފެދުނެވެ. އެއްވެސް އެއްޗެއްނުބުނެ އައިސް ގޮޑީގައި އިށީނެވެ. އަނެއްކާ ކުޑައިރުކޮޅަކުން ތެދުވެ ގޮސް ވާހަކަދެއްކޭތޯ އުޅުނެވެ. ކުރީފަހަރު ވީގޮތަށް ބިރުގަތީއެވެ. އެނބުރިއައިސް އިށީނެވެ. މިގޮތަށް ތަކުރާރުކޮށް އެތައް ފަހަރަކު ކަންތައްކުރިއެވެ. އެމަންޒަރު ފެނުނުމީހަކު ކިހާ ހިނިއަންނާނެތޯއެވެ؟ އެބައްދަލުވުމުގައި އިން މީހަކު ހީހީ ގޮސް ބިންމައްޗަށް ތިރިވިއެވެ. ތިބާ އެކަމަކު ތިޔަ އިންނަނީ ލިޔުންކިޔާލަކިޔާލައެވެ. ވެއްޓުނު މީހާ ނަގާކަށްވެސް ނޫޅެއެވެ. އޭނަ އެ ހީހީ ހަލާކުވަނީއެވެ. މައްސަލައެއްނެތެވެ. އޭނާ ހޭންބާއްވާށެވެ. އެކަމަކު ތިބާ ބިރުންގޮސް ވާހަކަ ނުދެއްކުނު މީހާ ގޮތަށް ވާކަށް އަހަރެން ބޭނުމެއްނޫނެވެ. ބިރުނުގަންނާށެވެ. ވާހަކަދައްކަން ފަށާށެވެ. ކުޑައިރުކޮޅަކުން ބިރުފިލާ ހިނގައިދާނެއެވެ. ބިރަކީ އެކަހަލައެއްޗެކެވެ. ކެރިގެން ބިރާ ބައްދަލުކޮށްފިނަމަ ބިރު ތިބާދެކެބިރުން ފިލަން ދުވެހިގައިދާނެއެވެ. ތިބާގެ ހިތުގައި އުފެދޭ މިބާވަތުގެ ބިރުވެރިކަން ބާރުގަދަކުރިޔަނުދޭށެވެ. މިފަދައިން ތިބާގެ ހިތުގައި އުފެދޭ ނެގެޓިވް މެސެޖުތަކަށް ފުރުސަތުނުދޭށެވެ. މިފަދަ މެސެޖުތަކަކީ އެއްވެސް ޙަޤީޤތެއްނެތް މެސެޖުތަކެކެވެ. މިސާލަކަށް ތިބާ ކޮޓަރިތަޅުލާފައި ތަންކޮޅަކަށް ދާތަނުން މިދެވުނީ ތަޅުނުލައޭވެސް ހިތަށް އަރާފާނެއެވެ. އެބުރިގޮސްބަލާއިރު ކޮޓަރި ހުރީ ރަނގަޅަށް ތަޅުލެވިފައެވެ. ނުވަތަ ރިޕީޓުކޮށް އެތައްފަހަރަކު އަތްދޮންނަން ޖެހިދާނެއެވެ. އަދި ބައެއްފަހަރު ވުޟޫކުރާއިރު ރިޕީޓުކޮށް އެއްގުނަވަނެއް އެތަށްފަހަރަކު ދޮވުމަށްފަހުވެސް ނުދޮވެވޭކަމަށް ހީވެދާނެއެވެ. ނުވަތަ ނަމާދުކުރާއިރުވެސް މިފަދައިން ކަންތައްވެދާނެއެވެ. މި ފަދަމެސެޖުތަކުގެ ފަހަތުން ނުދުވާށެވެ. ވަގުތުން އެ ފަދަވިސްނުންތައް ތިބާގެ ހިތުން ނެރެލާށެވެ.
ބައެއް ފަހަރު އެއްޗެއް ވެއްޓި ތެޅިއްޖެނަމަ އެ އުޅެނީ ތިމާއަށް ދެރަގޮތެއްވުމަށޭ ހިތަށް އަރާފާނެއެވެ. ބައެއް މީހުން ކަޅުބުޅަލެއް ހުރަސްކޮށްފިނަމަ އެމަގަކުން ނުގޮސް އެހެއްމަގަކުން ދެއެވެ. މިފަދަކަންކަމަކީ ޝިރުކުގެތެރެއަށް ވަންނަކަންކަމެވެ. މިފަދަ ވިސްނުމާ ފިކުރުން ތިބާގެ ފިކުރުތަށް ސަލާމަތް ކުރާށެވެ. އަހަރެމެން ޙާސިލު ކުރަން ބޭނުންވާ ލަނޑުދަޑިއަށް ވާސިލުނުވެ މިތިބީ އަހަރެމެންގެ ހިތުގައި އުފެދިފައިވާ މިފަދަ ފިކުރުތަކުގެ ސަބަބުން ކަމުގައި ވެދާނެއެވެ. ހުރިހާ މިދަ ވިސްނުންތަކުން ތިބާގެ ހިތް ސާފުކުރާށެވެ. އީމާންކަން ވަރުގަދަކުރާށެވެ. އެ އީމާންތެރިކަމުގެ ސަބަބުން ބިރު ފިލައި ހިނގައިދާނެއެވެ.
އެއްދުވަހަކު އަހަރެން ދިވެހި ޕައިލެޓެއްގެ ކައިރީ ހުރެ އަހަރެންގެ އެހެން ރައްޓެއްސެއްގެކައިރީ ބުނީމެވެ. ޕައިލެޓުކަމަކީ ވަރަށް ނުރައްކާތެރިކަމެކެވެ. ޕައިލެޓަށް މިއަޑުއިވިގެން ވަގުތުން އިންކާރު ކުރިއެވެ. އަހަރެން ފުލައިޓުގެ އިންޖީނުތަކަށް ފުރިހަމައަށް އިތުބާރުކުރަމެވެ. އެއް އިންޖީނަށް މައްސަލަ ދިމާވެއްޖެނަމަ އަނެއް އިންޖީނަށް ބަދަލުކުރެވިދާނެއެވެ. އިންޖީނުތައް ހުންނަނީ މައްސަލައުޅޭތޯ އެތައްފަހަރަކު ކަމުގެ ތަޖުރިބާކާރުން ޗެކުކޮށްފައެވެ. ﷲއަށް ވަކީލުކޮށް ކާމިޔާބާ ހަމަޔަށް ވާސިލުވުމަށް ޓަކައި ފުލައިޓަށް އަރާދަތުރުފަށާށެވެ. ފުލައިޓަށް އަޅާނީ ރަނގަޅު ތެލެވެ. ނުބައި ތެލެއް އަޅައިފިނަމަ ވާނީ ކިހިނެއްހެއްޔެވެ؟ ތިބާގެ ވިސްނުމާ ފިކުރުތައްވެސް ރަނގަޅު ފިކުރުތަކަށް ހަދާށެވެ. ނުބައި ވަހުމުތަކުން ވިސްނުމާ ފިކުރު ސާފުކޮށް، ފުލައިޓާ ދިމާވާ ގަދަ ކޮޅިގަނޑުތަކުން ރެކި ކާމިޔާބާ ދިމާއަށް ދަތުރުކުރަމުންދާށެވެ. ﷲ އީ ކޮންމެ ކަމަކަށްވެސް ކުޅަދުންވަންތަ ފަރާތެއްކަން އަބަދުވެސް ތިބާގެ ހިތުގައި ބާއްވާށެވެ.

Comments

Popular posts from this blog

'Pastafarian' wins religious freedom right to wear pasta strainer for driving licence

ޕިއްލޭގެ ޤައުމީ ފުޓްބޯޅަޓީމ

Revealed: Employee and manager at centre of salacious resignation email that accused them of having sex in the office